Last Updated: December 5, 22:37
Tuesday, December 5, 2023
ދުނިޔެ

އިޒްރޭލުން މުޅި މެދުއިރުމަތީގައި ހުޅު ރޯކޮށްފި

އިޒްރޭލުން މުޅި މެދުއިރުމަތީގައި އަނެއްކާވެސް ހުޅު ރޯކޮށްލާފައިވާ ކަމަށް އުރުދުން އިން ބުނެފި އެވެ.

އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ހަނގުރާމައިގެ ސަބަބުން މުޅި މެދިއިރުމަތީގައި އަނެއްކާވެސް ހުޅު ރޯ ވެފައިވާ ކަމަށާއި އަދި އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރަން އެތައް އަހަރެއް ވަންދެން ކުރަމުން އައި ބުރަ މަސައްކަތް ވެސް އެއްކޮށް ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ. އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ސުލްހަ ގާއިމުވުމުގެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށާއި ސަރަހައްދީ ގުޅުންތައް 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށިއިރު އުރުދުން އިން ގެންދިޔައީ އިޒްރޭލާއެކު ފެނަށް ހަކަތަ ބަދަލުކުރާ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް ސަފާދީ ވަނީ އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން އެ މަޝްވަރާތައް ވެސް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އިޒްރޭލާއެކު މިހާރު އެއްވެސް ކަމެއް ކުރުމަކީ ބުރަދަނެއް ހުރި ކަމެއްގެ ގޮތުގައި ރައްޔިތުން ނުދެކޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި އިޒްރޭލުގެ ފަލަސްތީނުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް އަންނަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ގާޒާގެ ހޮސްޕިޓަލުތަކާއި، ސްކޫލްތަކާއި ރެފިއުޖީ ކޭމްޕުތަކުގެ އިތުރުން މިސްކިތްތަކަށާއި އާންމުން ދިރިއުޅޭ ގެތަކަށް ވެސް އިޒްރޭލުން ހަމަލާތައް ދީފައިވެ އެވެ.

އިޒްރޭލުން މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެގައުމުން ވަނީ 12،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.