Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

މަޤާމާ ހަވާލުވިތާ ގަޑިއިރެއް ފަހުން ޝަހީމްގެ ނިންމެވުމެއް

އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަލީ ސައީދު އާއި ހެލްތް މިނިސްޓަރ އަބްދުﷲ ޚަލީލް / ފޮޯޓޯ: ރައީސް އޮފީސް

ގދ. ތިނަދޫގައި ހުންނަ އިސްލާމިކް ސެންޓަރ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި ހަވާލު ކުރަން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު ނިންމަވައިފިއެވެ.

މި ނިންމެވުމާއެކު ޑރ. ޝަހީމް ވެވަޑައިގެންފައި މިވަނީ މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވި ވަޒީރުގެ ގޮތުގައެވެ. ޑރ. ޝަހީމް މި ނިންމެވުން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީއާއި، އެތަން ހަވާލު ކުރައްވާނީ އަންގާރަ ދުވަހު ކަމަށެވެ. އަދި މިއީ އިސްލާމީ ތަޢުލީމު އެ ސަރަހައްދުންގެ އުނގެނެން ބޭނުންވާ ދަރިވަރުންނަށް މާލެ ނައިސް، ކިޔެވޭ ގޮތް ފަހިވެގެން ދާނެ ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.


ޑރ. ޝަހީމް މިއަދު ވަޒީރު ކަމާއި ހަވާލުވެވަޑައިގެންއިރު، މިއީ އެ ވުޒާރާއި ޝަހީމް ހަވާލުވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މިގޮތުން މިފަހަރުވެސް މިނިސްޓްރީއާއި ހަވާލުވެވަޑައިގަންނަވަނީ ކުރީގައި ހުރި އެމަނިކުފާނު ފައްޓަވާފައިވާ މުހިންމު ކަންކަން އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ކަމަށް ވިދާޅުވިއެވެ. މިގޮތުން ޒަކާތު ފަންޑު ތަރައްޤީކޮށް ފުޅާކުރުމާއިއެކު މިފަހަރު ހަވާލުވެ ޒަކާތު ހައުސްއެއް އުފައްދަވާނެ ކަން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޒުވާން ޖީލަށް އިސްލާމީ ތަރުބިއްޔަތު ދިނުމާއި، ޒަމާނަށް ފެތޭ ގޮތަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ތަރައްޤީކުރުމާއި، އަދި ޤައުމީ ޤުރުއާން މުބާރާތް ތަރައްޤީކޮށް ޤުރުއާނުގެ އިލްމާއި މަޢުރިފާ ފަތުރައި ޤުރުއާނުގެ ދިރާސާ ޝާއިޢު ކުރުން އަދި ދިވެހިރާއްޖޭގައި ޤާއިމު ކުރެވިފައިވާ އިސްލާމީ މަރުކަޒުތައް ރަސްމީކޮށް އިފްތިތާހު ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ މެދުވެރިކޮށް އަތޮޅުތަކުގެ މަރުކަޒުތަކުގައި އިލްމާއި ސަޤާފަތް ފެތުރުމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްލާމިކް ސްޓޫޑިއޯ ތަރައްޤީކޮށް، އިސްލާމިކް ޓީވީ ޗެނަލެއްގެ ގޮތުގައި ޚިދުމަތްދިނުމުގެ އިތުރުން އައުޤާފުތައް އިތުރުކޮށް ދީނީ ފަންޑާއި މިސްކިތު ފަންޑު ތަރައްޤީކުރުންފަދަ ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅުއްވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ ޤައުމީއްޔަތާއި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ވަޢުދާއެކުގައެވެ.