Last Updated: December 5, 23:15
Tuesday, December 5, 2023
މުނިފޫހިފިލުވުން

ސޯލޯ އެކްޝަން ފިލްމެއް ކުޅެލަން ބޭނުން

ބަތަލާ އަކު ލީޑްކުރާ އެކްޝަން ފިލްމެއް ކުޅެލަން ވަރަށް ބޭނުންވާ ކަމަށާއި އެފަދަ ފުރުސަތެއް ފަހިވާނެކަމުގެ އުންމީދުގައި ހުރި ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

ސަލްމާން ޚާނާ އެކީ އޭނަ ވަރުގަދަ އެކްޝަން ރޯލެއް ކުޅެމުން އަންނަ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ ސޯލޯ އެކްޝަން ފިލްމަކާ ބެހޭ ގޮތުން މީގެ ކުރިން އޭނަ އާއި ބައެއް ޑައިރެކްޓަރުން ދެމެދު ވާހަކަތަކެއް ވެސް ދެކެވުނު ކަމަށެވެ.

މީގެ ތިން އަހަރު ކުރިން "ޓައިގާ ޒިންދާ ހޭ" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު، ކެޓްރީނާ ހިމަނައިގެން ދެ ބަޔަކަށް ސުޕަހީރޯ-އެކްޝަން ފިލްމެއް ހެދުމުގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ. އޭގެ ސްކްރިޕްޓް ނިންމާފައިވާ ކަމަށް އަލީ ކުރިން ބުނެފައި ވެސް ވެ އެވެ. އެކަމަކު އޭގެ ފަހަކުން އޭގެ ވާހަކައެއް ނުދެކެވެ އެވެ.

ކެޓްރީނާ ބުނީ ސޯލޯ އެކްޝަން ފިލްމެއް ކުޅުމަކީ އޭނަ އަބަދު ވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

"އެހެންވެ އެ ފިލްމެއް އުފައްދާނެ ރަނގަޅު ޕްރޮޑިއުސަރަކާއި ޑައިރެކްޓަރާއި ވަރުގަދަ ސްޓޯރީ ލައިނަކާ އެކީ ރަނގަޅު ދަނޑިވަޅެއްގައި ފުރުސަތެއް ލިބޭނެ ކަމަށް އަހަރެން އުންމީދު ކުރަނީ،" އޭނަ ބުންޏެވެ. "ވަރަށް އުފާވާނެ އެ ދުވަހަކުން."

ކެޓްރީނާ ބުނި ގޮތުގައި އެކްޝަނާއި ނެށުމަކީ އޭނަ ވަރަށް ގަޔާވާ ކަންކަމެވެ. އަދި އެކަން އޭނަ ގުޅުވީ މީހާ ވަރަށް ބޮޑަށް ތަރުބިއްޔަރުކޮށްދޭ ކަންކަމުގެ ގޮތުގަ އެވެ.

"އެކްޝަނާއި ޑާންސަކީ އަހަންނަށް ޑިސިޕްލިންއެއް. މި ދެ ކަމަކީ ފިލްމުތަކުގައި އަހަރެން ވަރަށް ގަޔާވާ ކަންކަން." މޮޅު ނެށުންތެރިއެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ބަލައިގެންފައިވާ ބަތަލާ ބުންޏެވެ.

އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ބުނީ ކުރިން އޭނަ އެކީގައި މަސައްކަތްކުރި ބައެއް ޑައިރެކްޓަރުންނާ އެކީ އަލުން މަސައްކަތް ކުރަން ވެސް ބޭނުންވާ ކަމަށެވެ. އެއީ އަލީގެ އިތުރުން "އޭކް ތަ ޓައިގާ" އާއި "ނިއު ޔޯކް" އާއި "ފޭންޓަމް" ގެ ޑައިރެކްޓަރު ކަބީރް ޚާނެވެ. އަލީއާ އެކީ ކެޓްރީނާ މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ" ގެ އިތުރުން "ބާރަތު" އާއި "މޭރޭ ބްރަދާ ކީ ދުލްހަން" ހިމެނެ އެވެ.

މި މަހުގެ 12 ގައި ރިލީޒްކުރި "ޓައިގާ 3" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މި ފިލްމުގެ ހައިލައިޓްތަކުގެ ތެރޭގައި އެހެން ބަތަލާއަކާއި ކެޓްރީނާއާ ދެމެދު ހިނގާ ތުވާލީގައި ތަޅާފޮޅުމުގެ މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެ އެވެ.