Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ދަރަނި 119 ބިލިއަނަށް، މިއީ އެންމެ ބޮޑު ދަރަނި

ދިވެހި ދައުލަތުގެ ދަރަނި 119 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފެނުނު އެންމެ ބޮޑު ދަރަނި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުޚާތަބު ކުރައްވަމުން މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންގެ ކުރިފުޅުމަތީ ހުއްޓި މިހުރީ، ނިކަން ޚުޠޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައިކަ މަށެވެ. އެއީ ރާއްޖޭގެ ދަރަނި 119 ބިލިއަނަށް އަރައި ގައުމުގެ އިގުތިސާދު ނުރައްކާ ހާލަތެއްގައި އޮތް ދަނޑިވަޅެއް ކަމަށެވެ.

"ވަރަށް އިތުބާރާ އެކު ތިޔަ ބޭފުޅުންގެ ކުރިފުޅުމަތީ އަޅުގަނޑު ހުއްޓި މިހުރީ، ނިކަން ޚުޠޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތް މަތީގައި. އެއީ، ތިޔަބޭފުޅުންގެ އުންމީދުތަކާއި އަޅުގަނޑު އެކުލަވައިލާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާ، މި ދެމެދުގައި އޮތް ވަޅުގަނޑެއް. މި ދަންނަވާ ވަޅުގަނޑަކީ، ދިވެހި ރާއްޖޭގެ އިޤުތިޞާދު މިއަދު ވެއްޓިފައި މި އޮތް ފުން އަނދަވަޅު،" އެ މަނިކުފާނު ވިދާޅުވި އެވެ. "މިއަދު އަޅުގަނޑުމެން ދިވެހި ދައުލަތާ ހަވާލުވާއިރު، ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކު ޖުމުލަ 119 ބިލިއަން ރުފިޔާ އަށް އަރާފައި. މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައި ވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަނި."

މުއިއްޒު ވިދާޅުވީ މި ހާލަތުން އިގްތިސާދު ނަގައި ކޮޅަށް ޖެހުމަށް ހަރުދަނާ ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުއްވާނެ ކަމަށެވެ.

އިގުތިސާދު ނަގައި ކޮޅަށް ޖެހުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަސައްކަތް އަވަހަށް ނިންމައި އާ ޓާމިނަލް ހުޅުވައި ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.