Last Updated: October 24, 18:51
Thursday, October 24, 2024
މުނިފޫހިފިލުވުން

ޝާހްރުކް ދިން ދައުވަތަށް ބެކަމްގެ ޝުކުރު

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ދިން ދައުވަތަށް އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ޝުކުރު އަދާކޮށްފި އެވެ.

އިންސްޓަގްރާމްގައި ޝާހްރުކާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ އަންހެނުން ގޯރީ ޚާން ވެސް ޓެގްކޮށް ބެކަމް ބުނީ މުމްބާއީގައި ހުންނަ ޝާހްރުކްގެ ގެ، މަންނަތަށް ކެއުމަކަށް ދައުވަތު ލިބުމަކީ ޝަރަފެއް ކަމަށް ދެކޭ ކަމަށާއި އެ ދެމަފިރިންނާއި ކުދިންނާއި ހާތް މީހުންގެ ފަރާތުން ލިބުނު ދައުވަތަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އަހަރެން އިންޑިއާ އަށް ކުރި މި ފުރަތަމަ ދަތުރު ނިންމާލުން މިވީ ވަރަށް ހާއްސަ ކަމަކަށް،" ޝާހްރުކަށް ޝުކުރު އަދާކޮށް ބެކަމް ބުންޏެވެ. "އެކުވެރިޔާ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."

ބެކަމް ބުނީ އޭނަގެ އާއިލާ އަބަދު ވެސް އޮންނާނީ ޝާހްރުކްގެ އާއިލާ އަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށެވެ. ހަތަރު ކުދިން ތިބި ބެކަމްގެ އަންހެނުންނަކީ އިނގިރޭސިވިލާތުގެ ކުރީގެ އަންހެން މިއުޒިކް ބޭންޑް، "ސްޕައިސް ގާލްސް" ގެ މެންބަރު ވިކްޓޯރިއާ ބެކަމް އެވެ. އޭނަ އަކީ މިހާތު ވަރަށް ނުފޫޒު ގަދަ ފެޝަން ޑިޒައިނަރެއް އަދި ވިޔަފާވެރިއެކެވެ.

މިހާރު އިންޑިއާގައި ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގެ މެޗެއް ބަލަން އިންޑިއާ އަށް މިދިޔަ ހަފުތާގައި ކުރި ދަތުރުގެ ތެރޭގައި ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި އޭނަގެ ފިރިމީހާ އާނަންދު އަހޫޖާގެ ފަރާތުން ވެސް ބެކަމް އަށް ރޭގަނޑުގެ ހާއްސަ ކެއުމެއް ދީފައިވެ އެވެ. އެ ހަފުލާ އޮތީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރްގެ ގޭގައި ބުރާސްފަތިވިލޭރެ އެވެ. އެ ކެމުގައި ބޮލީވުޑްގެ ތަރިންތަކެއް ވެސް ބައިވެރިވި އެވެ.

އެ ދައުވަށްޓަކައި ސޯނަމާއި އާނަންދާ އެކީ ނަގާފައިވާ ފޮޓޯއެއް ވެސް ޕޯސްޓްކޮށް އެ މީހުންނަށް ވެސް ބެކަމް ޝުކުރު އަދާކޮށްފައިވެ އެވެ.

ބެކަމް، 48، އަކީ އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ މިހާރު ކުޅެމުން އަންނަ އެމެރިކާގެ ޓީމް، އިންޓަ-މަޔާމީގެ ހިއްސާދާރެއްގެ އިތުރުން އެ ކުލަބްގެ ރައީސެވެ.