އިޒްރޭލުން މިހާރު ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތެރެއިން ގާޒާ އަށް ތެޔޮ އެތެރެވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ކުއި ދޭން ނިންމައިފި އެވެ.
އެމެރިކާގެ ފިއްތުންތަކާ ގުޅިގެން މިކަމަށް ދޭން ނިންމި ލުއިގެ ދަށުން ދުވާލަކު ދެ ތެޔޮ ޓްރަކް ގާޒާ އަށް އެތެރެވޭނެ ކަމަށް އިޒްރޭލުން ބުންޏެވެ. އެމެރިކާ އިން ބުނި ގޮތުގައި އެ ގައުމުން ކޮންމެ ދެ ދުވަހުން އެއް ދުވަހު ގާޒާ އަށް 140،000 ލީޓަރުގެ ތެޔޮ ފޯރުކޮށް ދޭނެ އެވެ.
ތެލަށް ޖެހުމުގެ ސަބަބުން ކަރަންޓްގެ ހިދުމަތަށް ބުރޫ އަރައި ގާޒާގެ ހުރިހާ ހޮސްޕިޓަލްތަކުގެ ހިންގުން ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވެ އެވެ. މިކަމާ ގުޅިގެން ސީރިއަސް ހާލަތުގައި ފަރުވާ ދެމުން ދިޔަ ބަޔަކާއި ކުޑަކުދިންތަކެއް ވެސް ހޮސްޕިޓަލްތަކުގައި މަރުވެފައިވެ އެވެ.
އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނީ ތެލަށް ޖެހުމުގެ ސަބަބުން އެތަނުން، ގާޒާގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި މީހުންނަށް ފޯރުކޮށް ދެމުން ދިޔަ ހިދުމަތްތަކަށް ވެސް ބުރޫއަރާފައިވެ އެވެ. އެތަނުން ބުނި ގޮތުގައި އިންސާނީ ހިދުމަތް ފޯރުކޮށް ދޭން ކުރާ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ދުވާލަކު 160،000 ލީޓަރުގެ ތެޔޮ ބޭނުންވެ އެވެ.
މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދެމުންދާ އިރު، ކާބޯތަކެއްޗާއި ފެން ފޯރުކޮށް ދޭން ވެސް މީގެ ކުރިން ހުރަސް އަޅާފައިވެ އެވެ.
އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.