ރާއްޖޭގެ އިމާމުންގެ ފެންވަރު ރަނގަޅު ކުރަން އާ ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން އެ މީހުންނަށް ހާއްސަކޮށްގެން ޕީއެޗްޑީ ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް އާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރޭ މަގާމުގެ ހުވާކުރެއްވި ޝަހީމު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓަ ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަސިޓީތަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.
އެގޮތުން މިސްރާއި ސައުދީ އަރަބިއްޔާ އާއި މެލޭޝިޔާ އާއި ބުރޫނާއި އަދި އިންޑޮނީޝިއާ އިން ތަމްރީނުގެ ފުރުސަތު އިމާމުންނަށް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ޝަހީމްގެ މިނިސްޓަރުކަމުގެ ދަށުން މި ފަހަރު ކުރައްވަން ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު އިތުރަށް ތަރައްގީ ކުރުމާއި ޒަކާތުގެ ފަންޑު އިތުރަށް ތަރައްގީ ކުރުމާއި ޒަކާތު ހައުސް އުފެއްދާއި އިސްލާމީ މަރުކަޒުތަކުގެ ހިދުމަތްތައް ރައްޔިތުންނަށް ލިއްބައި ދިނުމާއި ހިދާޔަތުގެ އަލި ނެރުން ފެށުން ފަދަ ކަންކަން ހިމެނެ އެވެ.
މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޒުވާން ޖީލަށް އިސްލާމީ ތަރުބިއްޔަތު ދިނުމާއި މީގެ އިތުރުން އައުގާފުތައް އިތުރު ކުރުމާއި މިސްކިތް ފަންޑު ތަރައްގީ ކުރުމުގެ އިތުރުން ހައްޖު ފަންޑު ތަރައްގީ ކުރުމަށް އެހީތެރިވުން ވެސް ހިމެނޭ ކަމަށް ޝަހީމު ވިދާޅުވި އެވެ.