ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ ލޯބީގެ ފެށުން ކަމަށްވާ އެ ދެ ތަރިންގެ 2005 ގެ ފިލްމު "މިސްޓަ އެންޑް މިސިޒް" އަށް ބިނާކޮށް ހަމަ އެ ނަމުގައި ހަދަމުން އަންނަ ވެބް ސީރީޒް ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ ތާރީހު އިއުލާންކޮށްފި އެވެ.
އަށް އެޕިސޯޑްގެ މި ސީރީޒް އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 2 ގަ އެވެ. "މިސްޓަ އެންޑް މިސިޒް ސުމިތު" ގައި ޕިޓް ކުޅުނު ޖޯން ސުމިތުގެ ރޯލު ސީރީޒްގައި ކުޅެފައި ވަނީ "ދަ މާޝން" އާއި "ސްޕައިޑަ-މޭން: ހޯމްކަމިން" ގެ އިތުރުން "ސޯލޯ: އަ ސްޓާ ވޯސް ސްޓޯރީ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޑޮނަލްޑް ގްލޯވާ އެވެ. އަދި ޖޯލީ ކުޅުނު ޖޭން ސުމިތުގެ ރޯލު ކުޅުނީ މާޔާ އާސްކީން އެވެ.
މި ސީރީޒްގެ މޭސްތިރިންނަކީ ޑޮނަލްޑާއި ފްރާންސެސްކާ ސްލޯނީ އެވެ.
ޑަގް ލިމަން އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ގެނެސްދިން "މިސްޓަ އެންޑް މިސިޒް" އަކީ ޖޫން 10، 2005 ގައި ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. ޖުމްލަ 110 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 487.3 މިލިއަން ޑޮލަރު ލިބުނެވެ.
މި ފިލްމުގެ ޝޫޓިންގެ ތެރެއިން ފެށުނު ލޯބީގެ ގުޅުމާ އެކީ ޕިޓާއި ޖޯލީ ގިނަ ދުވަސްތަކެއް ވަންދެން ޑޭޓްކުރުމަށް ފަހު 2014 ގައި ކައިވެނިކުރި އެވެ. އެކަމަކު ގުޅުމުގައި ބޮޑެތި މައްސަތަކެއް ޖެހި ދެ މީހުން ވަނީ ރަސްމީކޮށް 2019 ގައި ވަކިވެފަ އެވެ.