Last Updated: October 24, 18:51
Thursday, October 24, 2024
މުނިފޫހިފިލުވުން

"މީ އިޝްގު" ގެ ޝޫޓިން ނިންމާލައިފި

އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ އަސަރު ގަދަ ލޯބީގެ ފިލްމު "މީ އިޝްގު" ގެ ޝޫޓިން ނިންމާލައިފި އެވެ.

ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ އަލަތު ފީޗާ ފިލްމުގެ ޝޫޓިން އިއްޔެ ނިންމާލި އިރު، ފިލްމުގެ ޝޫޓިން ފެށީ މި އަހަރުގެ މެއި މަހުގެ 8 ގަ އެވެ. ދިވެހި ފިލްމު ސްޓޫޑިއޯގެ މި ފިލްމު ލޯންޗްކުރީ މި އަހަރުގެ މާޗް 12 ގަ އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މީ އިޝްގު" ގެ ލީޑުން ފެންނާނީ ފިލްމީ ދާއިރާގައި ބާރަށް ކުރިއަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ. މި ފިލްމަކީ ދެ ތަރިންގެ ޖޯޑު އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރުގެ މާޗްގައި މީޑިއާ ނެޓް މެދުވެރުކޮށް ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" އަކީ ޝަރަފާއި އާޝާގެ ކެމިސްޓްރީ ފެނިގެން ދިޔަ އެއްޗެކެވެ.

"މީ އިޝްގު" ގެ ޝޫޓިން ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާ އަށް ފިލްމު ގެންދިޔަ ނަމަވެސް އޮލިމްޕަހަށް ފިލްމު ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ފިލްމު ޕްރެޒެންޓްކޮށް ދޭނީ ޑާކް ރެއިނުންނެވެ. އެކަން އިއުލާންކޮށް ސެޕްޓެމްބަރުގައި ފިލްމުގެ ޓީޒާކޮޅެއް ވެސް ދައްކައިލި އެވެ.

"މީ އިޝްގު" ގެ ޑައިރެކްޓަރު އަޒްހާން ކުރިން ދެ ވެބް ސީރީޒް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އެއީ "މިރާއީ" އާއި "ދަރަކަ" އެވެ.