Last Updated: December 5, 23:15
Tuesday, December 5, 2023
ދުނިޔެ

ގާޒާގެ ސްކޫލަކަށް ހަމަލާދީ 50 މީހުން ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ގާޒާގެ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި 50 މީހުން ޝަހީދުވެއްޖެ އެވެ.

އިޒްރޭލުން ވައިގެ ހަމަލާ ދީފައިވަނީ ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) އިން ގާޒާގެ އުތުރުގައި ހިންގަމުން އަންނަ އަލް ފަހޫރާ ސްކޫލަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ މި ހަމަލާގައި މަދުވެގެން 50 މީހަކު ޝަހީދުވެފައިވާ ކަމަށާއި މި އަދަދު މިއަށް ވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިއީ މި ސްކޫލަށް މި މަސްތެރޭ ދިން ދެވަނަ ހަމަލާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާއާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ހަމަލާތައް ދެމުން އަންނަ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމައާތުން ބުނީ އިޒްރޭލުން ގާޒާގެ ސްކޫލަށް ދިން ހަމަލާ އަދި ގާޒާގެ ކުޑަކުދިންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކަށް އެގައުމު ފުރިހަމަ އަށް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ މި ހަމަލާ އިން އެނގިގެންދަނީ އިޒްރޭލުގެ އަމާޒަކީ ގާޒާގެ އުތުރުގެ ހިސާބުތައް އެއްކޮށް ނެތިކޮށްލުން ކަމަށް ބުނެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި އިޒްރޭލުގެ ފަލަސްތީނުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް އަންނަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ގާޒާގެ ހޮސްޕިޓަލުތަކާއި، ސްކޫލްތަކާއި ރެފިއުޖީ ކޭމްޕުތަކުގެ އިތުރުން މިސްކިތްތަކަށާއި އާންމުން ދިރިއުޅޭ ގެތަކަށް ވެސް އިޒްރޭލުން ހަމަލާތައް ދީފައިވެ އެވެ.

އިޒްރޭލުން މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެގައުމުން ވަނީ 12،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.