Last Updated: December 5, 23:15
Tuesday, December 5, 2023
ދުނިޔެ

ގާޒާގެ އާއިލާއެއްގެ 32 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ގާޒާގެ އެއް އާއިލާއެއްގެ 32 މީހަކު ޝަހީދުވެއްޖެ އެވެ.

އިޒްރޭލުން މި ހަމަލާ ދިނީ ޖަބަލިއާ ރެފިއުޖީ ކޭމްޕު ހުން ސަރަހައްދުގައި ހުރި އިމާރާތަކަށެވެ. އެ ހަމަލާގައި އަބޫ ހަބަލް އާއިލާގެ 32 މީހުން ޝަހީދުވިއިރު އޭގެތެރޭގައި 19 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ އެ ހަމަލާގައި ޝަހީދުވި އެންމެންގެ ނަންތައް މިހާރު އާންމުކޮށްފަ އެވެ.

އިޒްރޭލުން އިއްޔެ ވަނީ ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) އިން ގާޒާގެ އުތުރުގައި ހިންގަމުން އަންނަ އަލް ފަހޫރާ ސްކޫލަށް ވެސް ބޮން އަޅާފަ އެވެ. އެ ހަމަލާގައި 50 މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި އިޒްރޭލުގެ ފަލަސްތީނުގެ ގާޒާ އަށް ދެމުން އަންނަ ހަމަލާތައް އަންނަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ގާޒާގެ ހޮސްޕިޓަލުތަކާއި، ސްކޫލްތަކާއި ރެފިއުޖީ ކޭމްޕުތަކުގެ އިތުރުން މިސްކިތްތަކަށާއި އާންމުން ދިރިއުޅޭ ގެތަކަށް ވެސް އިޒްރޭލުން ހަމަލާތައް ދީފައިވެ އެވެ.

އިޒްރޭލުން މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެގައުމުން ވަނީ 12،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ގާޒާގެ 1.6 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.