Last Updated: December 5, 23:15
Tuesday, December 5, 2023
ކުޅިވަރު

ފްރާންސުން ގިބްރަލްޓާ ކޮޅަށް 14 ލަނޑު

ޔޫރޯ ކޮލިފައިންގައި ރޭ ފްރާންސުން ގިބްރަލްޓާގެ މައްޗަށް 0-14 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކުރި ހޯދައިފި އެވެ.

ރޭގެ މެޗަށް ނިކުތްއިރު ވެސް ޔޫރޯ އަށް ކޮލިފައިވެފައިވާ ފްރާންސުން ރޭގެ މެޗުގައި ޖެހި 14 ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށް ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ހެޓްރިކެއް ހަދާފަ އެވެ.

ފްރާންސުން ޖެހި އެއް ލަނޑަކީ ގިބްރަލްޓާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެއް ކަމަށްވާއިރު މެޗުގެ 18 ވަނަ މިނެޓްގައި ސަންޓޯސް އަށް ދެއްކި ރަތްކާޑާއެކު ގިބްރަލްޓާ އިން މެޗުގެ ބޮޑުބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.

މި މެޗުގައި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ދެ ލަނޑު ކާމިޔާބު ކުރިއިރު އުމުރުން 17 އަހަރުގެ ވަރެން ޒައީރޭ އެމެރީ ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އެމެރީ އަކީ 1914 ވަނަ އަހަރަށް ފަހު ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު އެންމެ ހަނގު ކުޅުންތެރިއާ އެވެ. ރޭގެ މެޗަކީ އޭނާ ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުވެސް މެ އެވެ.

ކިންގްސްލީ ކޯމަން ވެސް މި މެޗުގައި ދެ ލަނޑު ޖެހިއިރު ފްރާންސްގެ ލަނޑުތައް ދެން ކާމިޔާބުކޮށްދިނީ މާކަސް ތުރާމް އާއި އޮސްމާނޭ ޑެމްބެލޭ އާއި އެޑްރިއަން ރަބިއޯގެ އިތުރުން ޔޫސޮފް ފޮފާނާ އަދި ޖޮނަތަން ކްލޯސް އެވެ.

މިއީ ފްރާންސުގެ ތާރީހުގައި ވެސް މިހާތަނަށް އެޓީމުން ހޯދި އެންމެ ބޮޑު މޮޅެވެ.