Last Updated: July 27, 06:11
Saturday, July 27, 2024
ކުޅިވަރު

ނެދަލޭންޑްސް ޔޫރޯ އަށް ކޮލިފައިވެއްޖެ

ރިޕަބްލިކް އޮފް އަޔަލޭންޑް 1-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެދަލޭންޑްސް ކޮލިފައިވެއްޖެ އެވެ.

ނެދަލޭންޑްސް ޔޫރޯ އަށް ކޮލިފައިވީ ގްރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ނެދަލޭންޑްސް އަށް ވަނީ 7 މެޗުން 15 ޕޮއިންޓު ލިބިފަ އެވެ. މި ގްރޫޕުން އެއްވަނަ ހޯދައިގެން ޔޫރޯ އަށް ކޮލިފައިވީ ފްރާންސެވެ. އެޓީމު އެއްވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އެވެ. ގްރޫޕް ސްޓޭޖުގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 11 ވަނަ މިނެޓްގައި ނެދަލޭންޑްސަށް ކާމިޔާބުކޮށްދިނީ ވައުޓް ވެގޯސްޓް އެވެ. ލީޑު ފުޅާކޮށްލަން ނެދަލޭންޑްސަށް މި މެޗުގައި ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު އަޔަލެންޑްގެ ކީޕަރު ބަޒުނޫގެ ފަރާތުން ރަނގަޅު ސޭވްތަކެއް ވެސް ވަނީ މި މެޗުގައި ފެނިގެން ގޮސްފަ އެވެ.

މި ގްރޫޕްގައި ރޭ ފްރާންސުން ވަނީ ގްރޫޕްގެ ފުލުގައި އޮތް ގިބްރަލްޓާގެ މައްޗަށް 14-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެފަ އެވެ. މިއީ ފްރާންސުގެ ތާރީހުގައި ވެސް ހޯދި އެންމެ ބޮޑު މޮޅެވެ.