Last Updated: December 5, 23:15
Tuesday, December 5, 2023
މުނިފޫހިފިލުވުން

ކަންގަނާ އާއި މާދްވަން ތުރިލާއަކަށް

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމު އެކީގައި ކުޅުނު ދެ ތަރިން ކަމަށްވާ ކަންގަނާ ރަނާވަތާއި އާރް މާދްވަން ސައިކޮލޮޖިކަލް ތުރިލާއެއްގެ މަސައްކަތް ފަށައިފި އެވެ.

ނަން އަދި އިއުލާން ނުކުރާ މި ފިލްމުގެ ޝޫޓިން އިއްޔެ ރަސްމީކޮށް ޗެންނާއީގައި ފަށައި ދިނީ މަޝްހޫރު ތަރި، ރަޖްނީކާންތެވެ. މީގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ކަންގަނާ ބުނީ މިއީ ވަރަށް ތަފާތު ސްކްރިޕްޓަކަށް ހަދާ ތުރިލާއެއް ކަމަށާއި ފިލްމާ ބެހޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.

ފިލްމުގެ ޝޫޓިން އިއްޔެ ފެށި އިރު، އެކަމަށް ބޭއްވި ހަފުލާގައި މާދްވަން ބައިވެރިއެއް ނުވެ އެވެ. ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ދަ ނަމްބީ އިފެކްޓް" އިން މި އަހަރު ނެޝަނަލް އެވޯޑް ވެސް ހޯދި އެކްޓަރު ވަރަށް އަވަހަށް ފިލްމުގެ ކްރޫއާ ގުޅޭނެ އެވެ.

ކަންގަނާ އާއި މާދްވަން އެކީގައި ކުޅުނު "ތަނޫ ވެޑްސް މަނޫ" 2011 ގައި ގެނެސްދިނުމަށް ފަހު، އޭގެ ދެވަނަ ބައި "ތަނޫ ވެޑްސް މެނޫ ރިޓާންސް" ރިލީޒްކުރީ 2015 ގަ އެވެ. ކަންގަނާ ޑަބަލް ރޯލެއް ކުޅުނު ސީކްއެލް އަކީ އޭނަ އަށް މޮޅު ބަތަލާގެ ދެވަނަ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެވެ.

އާ ފިލްމެއްގެ މަސައްކަތް ކަންގަނާ ފެށި އިރު، މި ފަހުން ރިލީޒްވި އޭނަގެ ގިނަ ފިލްމުތައްވީ ފްލޮޕެވެ. އޭގެ ތެރޭގައި މިދިޔަ މަހު ރިލީޒްކުރި "ތޭޖާސް" އާއި ސެޕްޓެމްބަރުގައި ގެނެސްދިން "ޗަންދުރަމުކީ 2" އާއި މިދިޔަ އަހަރުގެ "ދާކަޅް" ގެ އިތުރުން 2021 ގެ "ތަލައިވީ" ހިމެނެ އެވެ.

ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ އޭނަ ޑައިރެކްޓްކޮށް، ކުޅުނު އަދި އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "އިމަޖެންސީ" އެވެ.