Last Updated: October 24, 18:51
Thursday, October 24, 2024
މުނިފޫހިފިލުވުން

ސަހާރާ ގްރޫޕްގެ ވެރިޔާގެ ރޯލު އަނިލް އަށް

މިދިޔަ ހަފުތާގައި މަރުވި އިންޑިއާގެ މަަޝްހޫރު ވިޔަފާރި ކުންފުނި، ސަހާރާގެ ވެރިޔާ ސުބްރަތާގެ ރޯލު، ފިލްމެއްގައި ކުޅެން އަނިލް ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "ސަހާރަސްރީ" ގެ ނަން ދީފައިވާ މި ބައޮގްރަފިކަލް ޑްރާމާ ޕްރޮޑިއުސްކުރަނީ، ޑރ. ގަޔަންތިލާލް ގާޅާގެ ޕެން ކުންފުންޏާއި ޕްރޮޑިއުސަރު ސަންދީޕް ސިންގް ގުޅިގެން ކަމަށެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ސުދިޕްތޯ ސެން އެވެ. އޭނަ އަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ކާމިޔާބު ފިލްމު "ދަ ކެރަލާ ސްޓޯރީ" ގެ ޑައިރެކްޓަރެކެވެ.

މީޑިއާތަކުން ބުނީ ސުބްރަތާގެ ވާހަކަ ކިޔައިދޭ ފިލްމު އަނިލް އަށް ހުށަހަޅައި މަޝްވަރާތައް މިހާރު އަންނަނީ ކުރެވެމުން ކަމަށެވެ. ނަމަވެސް އޭއާރް ރަހުމާން މިއުޒިކް ހަދަން ހަމަޖެހިފައިވާ ފިލްމަށް އަނިލް އެއްބަސްވާނެތޯ ނޫންތޯ އަދި ނޭނގުމެއްގެ ތެރޭގަ އެވެ.

ތަފާތު އެތައް ދާއިރާއަކުން އިންވެސްޓްކޮށް، ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގަމުން އަންނަ ސަހާރާ އަކީ މީގެ 45 އަހަރު ކުރިން ސުބްރަތާ ވުޖޫދަށް ގެނައި ކުންފުންޏެވެ. އެ ކުންފުނީގެ ދަށުން ހިންގާ ވިޔަފާރީގެ ތެރޭގައި ކޮންސްޓްރަކްޝަން، ރިއަލް އެސްޓޭޓް، މާސް މީޑިއާ އެންޑް އެންޓަޓައިންމަންޓް، އޭވިއޭޝަން، އައިޓީ، ކުޅިވަރު، ކަރަންޓް، ސިއްހީ ދާއިރާ، ޓޫރިޒަމް ދާއިރާ އަދި ލައިފް އިންޝުއަރެންސް ފަދަ ވިޔަފާރިތައް ހިމެނެ އެވެ.

ސުބްރަތާ ހާޓްއެޓޭކެއް ޖެހިގެން މަރުވީ މި މަހުގެ 14 ގަ އެވެ.

އަނިލްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 1 ގައި ރިލީޒްކުރާ ރަންބީރް ކަޕޫރްގެ "އެނިމަލް" އެވެ.