Last Updated: April 27, 20:44
Saturday, April 27, 2024
ޚަބަރު

ޗައިނާއާ އެކީ މި ފަށަނީ އެކުވެރިކަމުގެ އާ ބާބެއް

ޗައިނާއާ އެކީ ރާއްޖެ އިން މި ފަށަނީ އެކުވެރިކަމުގެ މުޅިން އާ ބާބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސްޓޭޓް ކައުންސިލަ ޝެން ޔިކިންއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޗައިނާ އިން ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާ އަށް އަގު ނުކުރެވޭ ފަދަ ގިނަ ހިދުމަތްތަކެއް ކޮށް ދީފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިއަދު މި ފެށެނީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ އެކުވެރިކަމުގެ އާ ބާބެއް ކަމަށެވެ. މީގެ އިތުރުން ވެސް، ސަރަޙައްދީ އެއްބާރުލުމާއި، އިގުތިސާދީ އެއްބާރުލުމާއި، ދޭދޭ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް ދެ ގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުން އެއްބާރުލުން ދެމިއޮންނާނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޝެން ޔިކިން ވަނީ މުޢިއްޒު މަގާމުގެ ހުވައި ކުރެއްވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި، އެކަ މަނާ ވަނީ އާ ރިޔާސީ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން ފާޅުކުރައްވައިފަ އެވެ. މީގެ އިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ޝެން ޔިކިން ވަނީ ދަންނަވައިފަ އެވެ.

މި ބައްދަލުވުން ނިންމައިލަމުން މުޢިއްޒު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކޮށް، އެކުގައި ލަނޑުދަނޑިތައް ހާސިލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ކަށަވަރުކަން ދެއްވައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން ވަރަށް ބަދަހި އެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ބޮޑެތި މަޝްރޫއުތަކެއް ހިންގައިފަ އެވެ.