Last Updated: December 5, 21:32
Tuesday, December 5, 2023
މުނިފޫހިފިލުވުން

"ކްރީޑް 4" ވެސް ޑައިރެކްޓް ކުރާނީ ޖޯޑަން

"ކްރީޑް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު ވެސް ޑައިރެކްޓްކުރާނީ އެކްޓަރު މައިކަލް ބީ ޖޯޑަން ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އާވިން ވިންކްލާ ބުނެފި އެވެ.

މީޑިއާތަކަށް އޭނަ ބުނީ "ކްރީޑް 4" ގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެ އެވެ.

މި އަހަރުގެ މާޗް 3 ގައި ރިލީޒްކުރި "ކްރީޑް 3" އަކީ ޖޯޑަން ކުޅެ، ޑައިރެކްޓްކުރި ފިލްމެކެވެ. އަދި މިއީ 36 އަހަރުގެ ފަންނާނުގެ އަލަތު ޑައިރެކްޝަނަށެވެ. ޖުމްލަ 75 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ކްރީޑް 3" އަކީ ބޮކްސް އޮފީހުގައި 275.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އެއްޗެކެވެ.

ބޮކްސިންތެޅުމަށް ބިނާކޮށް ގެނެސްދޭ "ކްރީޑް" ފްރެންޗްއިޒަކީ މަޝްހޫރު އެކްޓަރު ސިލްވެސްޓަ ސްޓެލޯންގެ ފިލްމު "ރޮކީ" ފްރެންޗައިޒް އިން ގެނެސްދިން ކެރެކްޓާއެއް ކަމަށްވާ ހެވީވައިޓް ޗެމްޕިއަން، އެޑޯނިސް ކްރީޑަށް ބިނާކޮށް ގެނެސްދޭ ސްޕިން-އޮފެކެވެ.

"ކްރީޑް" ގެ ފުރަތަމަ ފިލްމު 2015 ގައި ގެނެސްދިން ދިނީ "ބްލެކް ޕެންތާ" ގެ ޑައިރެކްޓަރު ރަޔަން ކޫގްލާ އެވެ. އަދި "ކްރީޑް 2" 2018 ގައި ގެނެސްދިނީ ޑައިރެކްޓަރު ސްޓީވެން ކޭޕްލް ޖޫނިއާ އެވެ. "ކްރީޑް" ގެ ހުރިހާ ފިލްމެއްގައި ވެސް މައިގަނޑު ތަރި އަކީ ޖޯޑަން އެވެ.