Last Updated: September 12, 20:02
Thursday, September 12, 2024
ދުނިޔެ

ގާޒާ ޝަހީދުންގެ އަދަދު 13،000 އަށް

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 13،000 އިން މައްޗަށް އަރައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި 5،500 ކުޑަކުދިންނާއި 3،500 އަންހެނުން ހިމެނޭ ކަމަށެވެ. އަދި ހަމަލާތަކުގައި އަނިޔާވި މީހުންގެ އަދަދު 30،000 އިން މައްޗަށް އަރާފައިވާއިރު އޭގެތެރެއިން 75 ޕަސެންޓު މީހުންނަކީ ވެސް ކުޑަކުދިންނާއި އަންހެނުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި ގާޒާ އިން ގެއްލިފައިވާ މީހުންގެ އަދަދު 6،000 އަށް އަރާފައިވާއިރު މީގެތެރެއިން ގިނަ ބަޔަކު ތިބި ކަމަށް ލަފާކޮށްފައިވަނީ އިމާރާތްތަކުގެ ދަށުގަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 83 މިސްކިތެއް ބިމާ ހަމަވެފައިވާއިރު 166 މިސްކިތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން މި ހަމަލާތަކުގައި 43،000 ހައުސިން ޔުނިޓް އެއްކޮށް ބިމާ ހަމަވެފައިވާއިރު 25 ހޮސްޕިޓަލެއްގެ ހިދުމަތް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އިޒްރޭލުން 55 އެމްބިއުލާންސަކަށް ހަމަލާދީފައިވާއިރު ގިނަ އަދަދެއްގެ އެމްބިއުލާންސްގެ ހިދުމަތް ވެސް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ ހަމަލާތައް ހުއްޓުވުމަށް ބާރު އެޅުމަށާއި އަދި ގާޒާގެ ހޮސްޕިޓަލުތަކަށް ބޭނުންވާ ސިއްހީ ސާމާނާއި އެހެނިހެން ތަކެތި ފޯރުކޮށްދޭން ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެދިފަ އެވެ.