ފިރިމީހާ އެކްޓަރު ވިކީ ކޯޝަލާ އެކީ ކުޅެން އެންމެ ބޭނުމީ އެކްޝަން ޖޯންރާގެ ފިލްމެއް ކަމަށް ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.
މިހާރު ބޮކްސް އޮފީހުގައި ރަސްކަންކުރަމުން އަންނަ އޭނަގެ އެންމެ ފަހުގެ ފިލްމު "ޓައިގާ 3" ގެ ޕްރޮމޯޝަންގެ ތެރެއިން ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު ބަތަލާ ބުނީ ވިކީއާ އެކީ ފިލްމެއް ކުޅެން ޝައުގުވެރިކަން ބޮޑު ކަމަށާއި އެހެންވެ ދެ މީހުން ވެސް ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓަކަށް އިންތިޒާކުރަމުން އަންނަ ކަމަށް ބުންޏެވެ.
ފިރިމީހާއާ އެކީ ކުޅެން އެންމެ ބޭނުން ވަނީ ކޮން ކަހަލަ ފިލްމެއްތޯ އެހުމުން ކެޓްރީނާ ބުނީ އެންމެ ބޮޑަށް ޝައުގުވެރި ވަނީ އެކްޝަން ޖޯންރާގެ ފިލްމަކަށް ކަމަށެވެ.
"އެހެންވެ އަހަރެން ޓައިގާ ފްރެންޗައިޒްގައި ކުޅެމުން އަންނަ ޒޯޔާ ކެރެކްޓާ އާއި ފިލްމު އުރީގައި ވިކީ ކުޅުނު ވިހާން ޝެރްގިލްގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ކަހަލަ ފިލްމަކީ އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި ވަރަށް ޝައުގުވެރި އެއްޗަކަށް ވާނެ،" ކެޓްރީނާ ބުންޏެވެ. "އަހަރެން އަބަދު ވެސް ވިކީ ގާތު އެ ވާހަކަ ބުނަން."
ދެހާސް ނަވާރައިގެ ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަކީ އިންޑިއާގެ ސިފައިންގެ މީހެއްގެ ރޯލު ވިކީ ކުޅުނު އަދި އެ ފިލްމުން އޭނަ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމެކެވެ.
ކެޓްރީނާ ބުނީ ދެމަފިރިން އެކީގައި ފިލްމެއް ކުޅުމަކީ އުންމީދެއް ކަމަށާއި އެފަދަ ފުރުސަތެއް ކައިރި މުސްތަގުބަލެއްގައި ފަހިވާނެ ކަމަށް އުންމީދު ވެސް ކުރާ ކަމަށެވެ. އަދި ވިކީ އަކީ ވަރަށް ސީރިއަސްކޮށް މަސައްކަތްކުރާ އެކްޓަރެއް ކަމަށާއި އޭނަ އަކީ މަސައްކަތްތަކާ ދޭތެރޭ ވަރަށް ފަރުވާތެރި އެކްޓަރެއް ކަމަށް ވެސް ބުންޏެވެ.
"އޭނަގެ ޑެޑިކޭޝަނާ ހެދި ބެލުންތެރިން ސްކްރީންގައި ވިކީ ބަލައިގަންނަނީ." ކެޓްރީނާ ބުންޏެވެ.
ވިކީ އާއި ކެޓްރީނާ ކައިވެނިކުރީ 2021 ގަ އެވެ. ދެ ތަރިންގެ ކައިވެނީގެ ފަހުން، އެ މީހުން ޖޯޑު އެކީގައި ސްކްރީނުން ދެކިލުމުގެ ޝައުހުވެރިކަން ފޭނުންގެ މެދުގައި ވަރަށް ބޮޑެވެ.
ވިކީގެ ކުރިއަށް އޮތް ފިލްމަކީ އަނެއްކާ ވެސް އޭނަ ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ ވޯ ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރް" އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 1 ގަ އެވެ.