އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް މާދަމާގެ ޖަލްސާގައި ފެށުމަށް ނިންމައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ފަށާނެ ކަމަށެވެ.
2024 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެތެރެއިން ޚަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި 2024 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ.
ބަޖެޓުގެ 70.2 އިންސައްތަ ނުވަތަ 34,803.7 މިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާނީ ރިކަރަންޓް ހަރަދަށެވެ. ރިކަރަންޓް ޚަރަދުގެ ބޮޑުބައެއް ޚަރަދުކުރެވެނީ މުވައްޒަފުންގެ މުސާރައާއި، ސަބްސިޑީއާއި އެހީއަށެވެ. އެގޮތުން، 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ބަޖެޓުގެ ރިކަރަންޓް ޚަރަދު 7.5 އިންސައްތަ އިތުރުވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ބަޖެޓުގެ 29.8 އިންސައްތަ ޚަރަދުކުރުމަށް ރޭވިފައިވަނީ ކެޕިޓަލް ޚަރަދަށެވެ. މީގެ ތެރެއިން، 8.6 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 17.5 އިންސައްތަ ޚަރަދުކުރަނީ ޕީއެސްއައިޕީއަށެވެ. މީގެ ތެރޭގައި ބަޖެޓުގައި ހިމަނައިގެން މިހާރުވެސް ކުރިއަށްދާ ހުރިހާ މަޝްރޫއަކާއި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޖެޓުގައި ހިމަނަން ހުށަހެޅުއްވި މަޝްރޫއުތައް ހިމެނޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.