Last Updated: October 26, 17:30
Saturday, October 26, 2024
ޚަބަރު

ފްލެޓު ލިބުނު މީހުންގެ ލިސްޓު ރިވިއުކުރަނީ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

މާލެ ސަރަހައްދުން ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރާނެ ކަމަށް އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ދާއިމީ ލިސްޓު ކުރީ ސަރުކާރުން ނެރުނީ ވެރިކަން ނިމެން ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. ދާއިމީ ލިސްޓު ނެރެ، އެގްރިމެންޓްތަކުގައި ސޮއިކުރަމުން ދަނިކޮށް އޭސީސީން ވަނީ އެކަން ހުއްޓުވާފަ އެވެ. އޭސީސީން އެކަން ހުއްޓުވީ ގިނަ ބައެއްގެ ޝަކުވާތައް ހުރުމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައިދަރު ވިދާޅުވީ ފްލެޓް ލިބިފައި އޮތީ ހައްގު ބަޔަކަށްތޯ ނޫންތޯ ރިވިއުކުރާނެ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް ފަހު އެެއްވެސް ބިމެއް ނޫނީ ފްލެޓު ދޫކުރުން މަޑުޖައްސާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީ ސަރުކާރަށް އިލްތިމާސް ކުރެއްވި ކަމަށެވެ.

ނަމަވެސް އެކަމަށް ކުރީ ސަރުކާރުން އިހުތިރާމް ކުރައްވާފައި ނުވާ ކަމަށާއި ސަރުކާރުން މަޑުކުރަނީ އޭސީސީން އެކަމާ ބެހޭގޮތުން އަރުވާނެ ލަފަޔަކަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާރު ފްލެޓުތައް ދޫކޮށްފައި ހުރީ ދިރިއުޅުމުގެ ހާލަތު ހުރި ގޮތް ބެލުމަށްފަހު ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް މުއިއްޒު އިންތިހާބުވެވަޑައިގަތުމަށްފަހު އިލްތިމާސް ކުރެއްވި މަޑުޖައްސާލަން. މަޑުޖައްސާލަން އިލްތިމާސްކުރައްވާފައި އޮއްވާ އެ ސަރުކާރުން ފްލެޓުތައް ދޫކުރުމުގައި އެ ނިޔަތަކީ ކޮބައި ކަމެއް ނޭނގޭ. ކޮންމެވެސް ކަހަލަ އެހެން ނިޔަތެއް އޮވެގެން ނޫންތޯއޭ އެވަރު ކަމެއް ކުރާނީ މަޑުޖައްސާލަން އިލްތިމާސްކޮށްފައި އޮއްވާ،" މިނިސްޓަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000ރ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ އެވެ. އަދި 2 ކޮޓަރީގެ މަހު ކުއްޔަކީ 5000ރ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ އެވެ. ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ޙަވާލުކުރާ ތާރީހުން ފެށިގެން 3 ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު އެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 މަހެވެ.