މިސްރުގެ ވެރިރަށް ގާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
އެކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަަޒީރު އާދަމް ނަސީރު އިބްރާހީމް މިސްރުގެ ސަފީރު މާޖިދު މުސްލިހާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ދިވެހިންގެ ސަގާފަތާއި ޤައުމީ ތަރިކަ ދިރުވާ އާލާ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވަރެއް ކަމަށާއި މި ތަޞައްވަރަށް ފަހިކަން ލިބޭ ގޮތަށް މުހިއްމު އެހީތެރިކަމެއް ދެއްވަން ހުށަހެޅުއްވީތީ އެކަމަށްޓަކައި ވަޒީރު ވަނީ މިޞްރުގެ ސަފީރަށް ޝުކުރު ދަންނަވާފަ އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވަނީ، 2024ވަނަ އަހަރަކީ ރާއްޖެއާއި މިޞްރުގެ ޚާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރު ކަމަށް ވުމާ ގުޅިގެން އެ ވުޒާރާގެ ދާއިރާއިން ތަފާތު ހަރަކާތްތަކެއް ރާވާ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ.
އަދި ރަޙުމަތްތެރިކަމުގެ ރަމުޒުތަކެއްގެ ގޮތުން މިޞްރުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ރާއްޖޭގެ މަގަކަށް މިޞްރުގެ ނަމެއް ދިނުން ހުށަހެޅުނު ކަމަށް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
މީގެ އިތުރުން ރާއްޖޭގައި ޢަރަބި ބަސް ދަސްކޮށްދޭ ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތާއި އެކަމަށް ބޭނުންވާނެ މުދައްރިސުން މިޞްރުން ހަމަޖެއްސެވުމާއި މި މަސައްކަތަކީ މުސްތަޤުބަލުގައި ވަރަށް ފުޅާކޮށް ކުރިއަށް ދާނެ މަސައްކަތެއްކަން ފާހަގަ ކުރައްވައި މިކަމުގެ ސަބަބުން މި ރާއްޖޭގެ އިސްލާމީ ވަޙުދަތު، ޤައުމީވަންތަކަމާއި އަދި ދެޤައުމުގެ ސަގާފީ ކަންކަން ވަރުގަދަ ވެގެން ދާނެކަން މިޞްރުގެ ސަފީރު ވަނީ ފާހަގަކުރައްވާފަ އެވެ.
އަދި މިޞްރުގައި ރާއްޖޭގެ ސަގާފީ މަރުކަޒެއް ޤާއިމުކުރުމަށާއި ދިވެހިން ޝައުގުވެރިވާ އިސްލާމީ ތާރީޚީ ސިލްސިލާ ފިލްމުތައް ފަސޭހައިން ލިބޭނެ ގޮތްތައް ހައްދަވާ ދެއްވުމަށް އެދި ހުށަހެޅުމުން އެކަންކަން ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި މިޞްރުގެ ސަފީރު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި ހުރި ސަގާފީ ތަރިކަތައް ރައްކާތެރިކުރުމުގައި މިޞްރުގެ އެހީތެރިކަން ލިބޭނެކަމާއި، ޚާއްސަކޮށް ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޝާމިލްކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިޞްރުގެ ސަފީރު ވަނީ ވިދާޅުވެފަ އެވެ.