Last Updated: December 5, 21:32
Tuesday, December 5, 2023
ޚަބަރު

ބައެއް ޕްރޮޖެކްޓުތައް މަޑުޖައްސާލަން ވިސްނަނީ

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން ބައެއް ޕްރޮޖެކްޓުތައް މަޑުޖައްސާލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމިޓީގައި މިއަދު ވާހަކަދައްކަމުން ޝަފީގު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށް ނިންމާފައިވަނީ މެދުއިރުމަތީގެ ގައުމުތަކުން ކަމަށާއި ނަމަވެސް ފައިސާ ނުލިބިއްޖެ ހާލަތެއްގައި ޕްރޮޖެކްޓުތަކާއި މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށެވެ.

"މިހާރު ކުރިއަށްދާ ޕީއެސްއައިޕީގެ 1780 ޕްރޮޖެކްޓު އެބަހުރި. އަދި އަލަށް ފަށަން 317 ޕްރޮޖެކްޓު. މިހާރު ވެސް އެ ޕްރޮޖެކްޓުތައް ރިވިއު ކުރަން ފަށާފައިވާނީ. އޭގެތެރެއިން ހާލަތަށް ބަލާފައި އެންމެ މުހިންމު ޕްރޮޖެކްޓުތައް ކުރިއަށްދާނީ،" ޝަފީގު ވިދާޅުވި އެވެ.

ކޮންމެ ޕްރޮޖެކްޓަކީ ވެސް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް ހާލަތުގެ ގޮތުން ވަރަށް ބޮޑަށް ވިސްނުމަށްފަހު ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޕްރޮޖެކްޓުތައް ނޫން ޕްރޮޖެކްޓުތައް ޓައިމްލައިނަކަށް ފައްތައިގެން ކުރިއަށް ގެންދަންޖެހޭ ކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި ރިވިއު ކުރާއިރު މިހާރުގެ ހާލަތުގެ ގޮތުން ކުރިއަށް ގެންދަން އެންމެ ރަނގަޅު ޕްރޮޖެކްޓުތައް ނޫން ކަމަށްވާނަމަ އެ ޕްރޮޖެކްޓުތައް ރި ޝެޑިއުލްކޮށް އެހެން ވިސްނުމަކަށް ދާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާނަން އޭގެ ތެރެއިން ނުފެށި ހުރި ޕްރޮޖެކްޓުތައް, ނުފަށާ ކުރިއަށްދެވިދާނެ ޕްރޮޖެކްޓެއް ވިއްޔާ ދެވަނަ ވިސްނުމަކަށް ދިޔުމަށްޓަކައި އަދި ހަރަދު ކުޑަ ކުރެވޭނެ ހުރިހާ އޭންގަލަކުން މިހާރު މިދަނީ މަޝްވަރާ ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށާއި ދައުލަތަށް ލަފާކުރާ އާމްދަނީ ނުލިބިއްޖެ ހާލަތެއްގައި ހަރަދުތައް ކުޑަކޮށްގެން ކުރިއަށް ދާންޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.