Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

ދިވެހިން އިމުގާ ފޯމް ފުރާކަށް ނުޖެހޭނެ

ކޮންޓްރޯލަރ ޖެނެރަލް ޝަމްޢާން އިމިގްރޭޝަން އޮފީހަށް މިއަދު ނިކުންނަވާފަ / ފޮޓޯ: އިމިގްރޭޝަން

ރާއްޖެއަށް އަންނައިރު އަދި ރާއްޖެއިން ފުރާއިރު ފުރަން ޖެހޭ އިމިގްރޭޝަން ޓްރެވެލް ޑިކްލެރޭޝަން ފޯމު ދިވެހިން ފުރަން ނުޖެހޭ ގޮތަށް ހަދައިފިއެވެ.

މި ފޯމު ފުރަން ނުޖެހޭ ގޮތަށް ހެދީ، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން މިއަދު މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެ މަސައްކަތަށް ނިކުމެ ނިންމެވި ފުރަތަމަ ނިންމުމުގެ ގޮތުގައެވެ. އެގޮތުން މިނިންމުމަކީ ދިވެހިން ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއި އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮުން ނިންމާފައިވާ ނިންމުމެކެވެ.

މި ފޯމު ދިވެހިން ފުރަން ނުޖެހޭ ގޮތަށް ނިންމީ، މި ފޯމު ފުރަން ޖެހުމުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކުލީފު ތަކެއް އުފުލަން ޖެހި، އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. މިއާއެކު އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ޚިދުމަތް ހޯދޭނެ ގޮތް ހަދައި ދިނުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިފޯމު ފުރަތަމަ ތަޢާރަފް ކުރެވުނީ ކޯވިޑު-19 ގެ ތެރޭ ބޯޑަރު ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުންނެވެ. އެގޮތުން 2020 ވަނަ އަހަރު ޖުލައި މަހުގެ މެދުތެރޭ ފުރަތަމަ ތަޢާރަފް ކުރެވުނީ ޓްރެވެލް ހެލްތު ޑިކްލެރޭޝަން ފޯމުގެ ގޮތުގައެވެ. އޭރު މި ފޯމު ތަޢާރަފް ކުރެވުނީ ރާއްޖެ އަންނަ އަދި ފުރާ އެންމެން ފުރަން ޖެހޭ ގޮތުގައެވެ. ފަހުން ފޯމު އޮންލައިން ކުރެވި އެމްބާކޭޝަން އަދި ޑިސްއެމްބާކޭޝަން ފޯމެއްގެ ގޮތުގައި ޓްރެެވެލް ޑިކްލެރޭޝަން ފޯމަށް ބަދަލު ކޮށްފައެވެ.