Last Updated: April 28, 09:30
Sunday, April 28, 2024
ޚަބަރު

އޭއީއެޗްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަތޮޅުތެރޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް ސީއީއޯގެ މަގާމަށް ސޯލިހު އައްޔަންކުރީ 2020 އެވެ.

ޑރ. ސޯލިހު ވިދާޅުވީ އޭއީއެޗް ހިންގެވުމާ ހަވާލުވި ހިސާބުން ފެށިގެން ހޮސްޕިޓަލް ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރެވުނު ކަމަށާއި އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުން ހިތްހަމަޖެހޭ، ރައްޔިތުން ބަލައިގަންނަ ހިދުމަތްތަކަކަށް ވެގެން ގޮސްފައި ވުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އެގޮތުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ހޮސްޕިޓަލުގެ ހިދުމަތްތައް މިހާ ހިސާބަށް ގެނެވިފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

އޭއީއެޗްގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި ހޮސްޕިޓަލުގެ ހިންގުން މިސްރާބު ޖަހާފައިވަނީ ބޭނުންވާ މިސްރާބަށް ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ހުރިހާ މުވައްޒަފުން އެކުވެރިކަމާ އެކު މަސައްކަތްކޮށްފި ނަމަ ހޮސްޕިޓަލާ މެދު ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. ސޯލިހަކީ ސިއްހީ ދާއިރާގައި 24 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. ސޯލިހު އޭއީއެޗް ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް އައްޔަންކުރުމާ ހަމައަށް 2013 އާ ހަމައަށް ހުންނެވީ މެޑިކާގެ ޗީފް ސާޖަންގެ މަގާމުގަ އެވެ. ޑރ. ސޯލިހު ވަނީ މެޑިކާގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން 2012-2014 އަށް ޑރ. ސޯލިހު ވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ޗެއާމަންގެ މަގާމު ފުރުއްވައިފަ އެވެ.