Last Updated: July 27, 09:39
Saturday, July 27, 2024
ކުޅިވަރު

އިޓަލީ ޔޫރޯ އަށް ކޮލިފައިވެއްޖެ

ޔުކްރޭންއާ ބައްދަލުކުރި މެޗު އެއްވަރުކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީ ކޮލިފައިވެއްޖެ އެވެ. ރޭގެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެވެ.

މި ނަތީޖާއާއެކު އިޓަލީ ޔޫރޯ އަށް ކޮލިފައިވީ ކުޅުނު 8 މެޗުން ލިބުނު 14 ޕޮއިންޓާ އެކު ގްރޫޕް ސީ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުން އެއްވަނަ ހޯދައިގެން ޔޫރޯ އަށް ކޮލިފައިވީ އިންގްލެންޑެވެ.

އެ ޓީމުން ވަނީ 8 މެޗުން 20 ޕޮއިންޓު ހޯދާފަ އެވެ. މި ގްރޫޕްގެ ތިންވަނަ ހޯދީ ޔުކްރޭން ކަމަށްވާއިރު އެޓީމަށް ޕްލޭއޮފް ކުޅެގެން ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު އަދި އޮންނާނެ އެވެ.

ޔުކްރޭނުގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރޭގެ މެޗު ކުޅުނީ ޖަރުމަނުގައި ކަމަށްވާއިރު މި މެޗުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން ޔުކްރޭނުގެ ސުޑަކޯވް ފޮނުވާލި ހަމަލާ އިޓަލީގެ ކީޕަރު ޑޮނަރުއްމާ ދިފާއުކުރިއިރު އިޓަލީގެ ބަރެއްލާ އަދި ޑޭވިޑޭ ފްރަތޭސީ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޔުކްރޭންގެ ކީޕަރު ޓްރުބިން އެވެ.

އިޓަލީ އަކީ ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އިޓަލީގެ އިތުރުން ޗެކް ރިޕަބްލިކާއި ސްލޮވީނިއާ ވެސް ވަނީ ޔޫރޯ އަށް ރޭ ކޮލިފައިވެ އެވެ.