Last Updated: July 27, 09:39
Saturday, July 27, 2024
މުނިފޫހިފިލުވުން

"ޓައިގާ 3" އިތުރު ލަވައެއް އާންމުކޮށްފި

އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3" ގެ އާ ލަވައެއް އާންމުންނަށް ދޫކޮށްލައިފި އެވެ.

ކުރިން ހަމައެކަނި އޯޑިއޯ އިއްވައިލުމަށް ފަހު، އިއްޔެ ވީޑިއޯއާ އެކީ ނެރުނު ލަވައިގެ ނަމަކީ "ރުއާން" އެވެ. މި ލަވަ ކިޔާފައި ވަނީ ބޮލީވުޑްގައި މިހާރު އެންމެ ވިދާ ފިރިހެން ލަވަކިޔުންތެރިޔާ އަރިޖިތު ސިންގު އެވެ. "ޓައިގާ 3" އިން އާންމުކުރި ފުރަތަމަ ލަވަ "ލޭކޭ ޕްރަބޫ ކާ ނާމް" ގެ ފިރިހެން އަޑަކީ ވެސް އަރިޖިތެވެ. އެ ލަވަ އަކީ އޭނަ އާއި ނިކިތާ ގާންދީގެ ޑުއެޓެކެވެ.

"ޓައިގާ 3" ވެފައި ވަނީ ސަލްމާންގެ ފިލްމަކަށް އަރިޖިތު ލަވަކީ ފުރަތަމަ ފަހަރަށެވެ.

މި މަހުގެ 12 ގައި ރިލީޒްކުރި މި ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދެމުން އަންނަ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު އަދި އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސްގެ ފަސް ވަނަ ފިލްމެވެ. މަނީޝް ޝަރުމާ ޑައިރެކްޓްކުރި "ޓައިގާ 3" އަށް މިހާތަނަށް ބޮކްސް އޮފީހުގައި 376.76 ކްރޯޑް ރުޕީސް (45.2 މިލިއަން ޑޮލަރު) ލިބިފައިވާ އިރު، ފިލްމު ހެދީ 300 ކްރޯޑް ރުޕީސް (36 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ޓައިގާ 3" ގެ ވިލަން އަކީ އިމްރާން ހާޝިމީ އެވެ.