Last Updated: December 5, 23:15
Tuesday, December 5, 2023
މުނިފޫހިފިލުވުން

ޝަކީރާގެ ޓެކްސް ދައުވާ ކޯޓުން ބޭރުގައި ނިންމާލައިފި

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންޔެރިޔާ ޝަކީރާ، އޭނަގެ ކުރީގެ ލޯބިވެރިޔާ ޖެރާޑް ޕީކޭގެ ގައުމު، ސްޕެއިންގައި ދިރިއުޅުނު ދުވަސްވަރު ދައްކަން ޖެހޭ ޓެކްސްތައް ނުދައްކައި، ޓެކްހަށް މަކަރު ހެދި މައްސަލާގައި ކުރި ދައުވާ ކޯޓުން ބޭރުގައި ނިންމާލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަކީރާގެ މައްޗަށް ކުށް ސާބިތުވި ނަމަ މަދުވެގެން 8 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ދައުވާ ކޯޓުން ބޭރުގައި ނިންމީ ދައުލަތަށް 7.5 މިލިއަން ޔޫރޯ (8.2 މިލިއަން ޑޮލަރު) ޖޫރިނަމާގެ ގޮތުގައި ދެއްކުމަށް ފަހު އެވެ.

ކޯޓުން ބޭރުގައި، ދައުވާ އިން ދެ ކުދިންގެ މަންމަ ސަލާމަތްވެގަތުމާ ބެހޭ ގޮތުން އާންމުކުރި ބަޔާނެއްގައި ބުނި މައްސަލަ އެގޮތަށް ނިންމީ ކުދިންނަށްޓަކައި ކަމަށެވެ. އަދި އެކަނިވެރި މައެއްގެ ހައިސިއްޔަތުން ދަރިންނަށް ދެރައެއް ލިބެން ބޭނުން ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓެކްހަށް މަކަރު ހެދި ކަމަށް މައްސަލައިގައި ޝަކީރާ އަށް ދައުވާކުރީ މިދިޔަ އަހަރު އެވެ. އެގޮތުން އޭނަ ސްޕެއިންގައި 2012-2014 އަށް އުޅުނު އިރު، ޓެކްސް ނުދައްކާ ކަމަށް ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ޝަކީރާ ކުރިން ދައުވާ އަށް އިންކާރު ވެސް ކުރި އެވެ.

ޝަކީރާގެ ގާނޫނީ ޓީމާ ހަވާލާދީ އޭރު ބައެއް މީޑިއާތަކުން ބުނި ގޮތުގައި އޭނަ ޓެކްހަށް އިންޓަރެސްޓާ އެކީ ވެސް 3 މިލިއަން ޕައުންޑް (3.7 މިލިއަން ޑޮލަރު) ދައްކާފައިވާނެ އެވެ. ސްޕެއިންގައި އަމަލުކުރަމުން އަންނަ އުސޫލަކަށް ބަލާ އިރު، ހަ މަހަށް ވުރެ ގިނަ ދުވަހު އެ ގައުމުގައި ހޭދަކޮށްފި ނަމަ ރަށްވެއްސެއްގެ ގޮތުގައި ބަލައި، އެ މީހަކު ޓެކްސް ދައްކަން ލާޒިމުވާނެ އެވެ.

ޓެކްހުގެ މައްސަލާގައި ޝަކީރާ އަށް ދައުވާކުރި އިރު އޭނަ އާއި ޕީކޭގެ 13 އަހަރުވީ ގުޅުން ނިމުކަކަށް އައީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ދެ މީހުންނަށް ލިބިފައިވާ ދަރިންނަކީ މިލާން ޕީކޭ މެބާރަކް، 10، އާއި ސާޝާ ޕީކޭ މެބާރަކް، 8، އެވެ.

ޝަކީރާ، 46، އަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް އަންހެން ފަންނާނެވެ.