Last Updated: December 5, 22:37
Tuesday, December 5, 2023
ޚަބަރު

ކެޔޮޅުންގެ އެވޯޑަށް ހުޅުވާލައިިފި

މި އަހަރުގެ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރު ފާހަގަކުރާ 43 ވަނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދޭ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި އެވޯޑަށް ކުރިމަތިލެވޭނީ މަސްވެރިކަމުގައި އަމަލީ ގޮތުން މިހާރު ވެސް އުޅޭ މަސްވެރިންނަށެވެ.

އެގޮތުން ކެޔޮޅުންގެ އެވޯޑް ދެ ކެޓަގަރީއަކުން ދޭން ހަމަޖެހިފައިވެ އެވެ. އެއީ މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދަން އެހެން މަސައްކަތެއް ނުކުރާ، އެންމެ ޚިދުމަތްތެރި 35 އަހަރުން ދަށުގެ ޒުވާން ކެޔޮޅާއި 35 އަހަރުން މަތީގެ އެންމެ ތަޖުރިބާކާރު ކެޔޮޅެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދެ އެވޯޑަށް ވެސް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެވޯޑަށް އެޕްލައިކުރާ ފޯމް މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

ކެޔޮޅުންގެ އެވޯޑަކީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޑިސެމްބަރު 10 އެވެ.