Last Updated: December 5, 23:15
Tuesday, December 5, 2023
މުނިފޫހިފިލުވުން

ޑޭވިޑްއާ މިހާރު އެއްވެސް މައްސަލައެއް ނެތް

ޑައިރެކްޓަރު ޑޭވުޑް ދަވަނާ މެދު މިހާރު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކުރިން ޖެހުނު ކުނިތަކުގެ މަތިން މިހާރު ދެ މީހުން ވެސް ހަނދާން ނައްތާލާފައިވާ ކަމަށް އެކްޓަރު ގޯވިންދާ ބުނެފި އެވެ.

ޑޭވިޑާއި ގޯވިންދާ އެންމެ ފަހުން ދިމާވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބޭއްވި ދިވާލީ ޕާޓީގެ ތެރޭގަ އެވެ. އެ ޕާޓީގައި ދެ މީހުން ވަރަށް ވާހަކަ ދައްކައި، ފޯރި ނަގައި ހެދި އެވެ. އެހެންވެ މިހާރު ޑޭވިޑާ އޮތް ގުޅުމާ ބެހޭ ގޮތުން ސުވާލުކުރުމުން ގޯވިންދާ ބޮމްބޭ ޓައިމްސް އަށް ބުނީ "ވީކަމެއް ވީ" ކަމަށާއި އެކަމުގެ ތެރޭގައި ދެން އުޅުމުގެ އެއްވެސް ބޭނުމެއް ނޫން ކަމަށެވެ.

"އަހަރެމެން ދެ މީހުންގެ ދޭތެރެއަކު މިހާރު އެއްވެސް މައްސަލައެއް ނެތް. ގުޅުން ވަރަށް ރަނގަޅު." ގޯވިންދާ ބުންޏެވެ.

އޭނަ ވަނީ ޑޭވިޑް ޑައިރެކްޓްކުރި 17 ފިލްމެއް ކުޅެފަ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ 2007 ގެ "ޕާޓްނާ" އެވެ. ގޯވިންދާ އެކީ ޑޭވިޑް ހެދި ހުރިހާ ފިލްމުތަކެއް ވެސް ވަރަށް ކާމިޔާބެވެ. އޭގެ ތެރޭގައި "އާނކޭ"، "ހީރޯ ނަމްބަރު"، "ރާޖާ ބާބޫ"، "ކޫލީ ނަމްބަރު 1"، "ޝޯލާ އޯރް ޝަބްނަމް"، "ސާޖަން ޗަލޭ ސަސުރާލު" އަދި "ބަޅޭ މިޔާ ޗޯޓޭ މިޔާ" ހިމެނެ އެވެ.

"ޕާޓްނާ" ގެ ފަހުން ޑޭވިޑްގެ އެއްވެސް ފިލްމަކުން ފުރުސަތު ނުލިބުމުގެ އިތުރުން ޖުމްލަކޮށް، މުޅި ބޮލީވުޑުން ގޯވިންދާ އެކަހެރިކޮށްލާފައިވާތީ އޭނަ މިހާތަނަށް ހުރީ އިންޑަސްޓްރީގެ މީހުން ދެކެ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ނަމަވެސް ޑޭވިޑާ އެކީ އަލުން އެއްގަލަކަށް އެރިފައިވާތީ އަދިވެސް އޭނައާ އެކީ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ގޯވިންދާ ފާޅުކުރި އެވެ.

"އަހަރެމެން ދެ މީހުން އެކީގައި މަސައްކަތް ކުރަން އަދިވެސް ވަރަށް ގިނަ ފޭނުންވޭ. އެ ލޯބި ވަރަށް ހާއްސަ." ގޯވިންދާ ބުންޏެވެ.

ޑޭވިޑްގެ ދަރިފުޅު ވަރޫން ދަވަން ބޮލީވުޑަށް ނުކުތް ފަހުން އޭނަ ފިލްމު ހަދަމުން އަންނަނީ ދަރިފުޅު ބަތަލަކަށް ލައިގެންގެންމެވެ. ދެބަފައިން އެކީގައި މިހާތަނަށް ތިން ފިލްމެއް ގެނެސްދީފައިވާ އިރު، ހަތަރު ވަނަ ފިލްމަކަށް ތައްޔާރުވަމުންދާ ކަމަށް ވަރަށް ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޑޭވިޑްގެ އެންމެ ފަހުގެ ފިލްމަކީ ވަރޫން އާއި ސާރާ އަލީ ޚާން ކުޅުނު 2020 "ކޫލީ ނަމްބަރު 1" އެވެ.

ހިންދީ ސިނަމާގައި 90 ގެ ތެރޭގައި އެންމެ ވިދި އެކްޓަރުންގެ ތެރޭގައި ހިމެނޭ ގޯވިންދާ، 59، ގެ އެންމެ ފަހުގެ ފިލްމަކީ ބަލާނެ ބަޔަކު ނުވި 2019 ގެ "ރަންގީލާ ރާޖާ" އެވެ.