Last Updated: December 5, 22:37
Tuesday, December 5, 2023
މުނިފޫހިފިލުވުން

ފުރަތަމަ އުޖޫރަ އަކީ 50 ރުޕީސް: ޝާހްރުކް

މަސައްކަތެއްކޮށްގެން އުޖޫރައެއްގެ ގޮތުގައި އެންމެ ފުރަތަމަ ލިބުނީ އެންމެ 50 ރުޕީސް ކަމަށް ބޮލީވުޑްގެ މިހާރުގެ އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާން ބުނެފި އެވެ.

މި އަހަރުގެ އެންމެ ބޮޑު ދެ ހިޓް ކަމަށްވާ "ޖަވާން" އާއި "ޕަތާން" ގެ އެކްޓަރު ބުނީ އޭނަގެ ފުރަތަމަ އުޖޫރަ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަންކަޖް އުދާސް ނިއު ދިއްލީގައި ބޭއްވި ކޮންސަޓެއްގައި ޓިކެޓް ގަނެގެން ޝޯ ބަލަން ވަން މީހުންނަށް ސީޓް ދައްކަން އުޅުނު މީހެއްގެ މަސައްކަތް ކަމަށެވެ.

"އެއީ އަހަންނަށް ފުރަތަމަ އުޖޫރައެއް ލިބުނު މަސައްކަތަކީ. އުޖޫރަ އަކީ ފަންސާސް ރުޕީސް." މިހާރު ބޮލީވުޑްގެ އެންމެ މުއްސަނދި އެއް ތަރި ބުންޏެވެ.

ޝާކްރުކް، 58، ބުނި ގޮތުގައި އެ އުޖޫރަވީ އޭނަ އަށް ވަރަށް ހާއްސަ އަދި ހަޔާތަށް ބަދަލުތަކެއް ވެސް އަންނަން މަގުފަހިވި އެއްޗަކަށެވެ. އެގޮތުން 50 ރުޕީސް އިން ކުރި ކަމަކީ އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލް ބަލާލަން ދަތުރެއް ކުރުން ކަމަށް ބުންޏެވެ.

ޝާހްރުކް 1992 ގެ ފިލްމު "ދީވާނާ" އިން ބޮލީވުޑަށް ނުކުތުމުގެ ކުރިން ބައެއް ޓީވީ ސިލްސިލާތަކުގައި މަސައްކަތްކުރި އެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއްޗަކީ "ފައުޖީ" އެވެ.

"ދީވާނާ" އިން ފެށި ބޮލީވުޑް ދަތުރާ އެކީ ޝާހްރުކްވެގެން ދިޔައީ ކާމިޔާބު އެތައް ފިލްމަކާ އެކީ ބެލުންތެރިންގެ ހިތްތައް ފަހަތަކުރި އެކްޓަރަކަށެވެ. އޭނަގެ ވިދުން ގަދަކޮށްދިން ފިލްމުތަކުގެ ތެރޭގައި 1993 ގެ "ބާޒީގަރް" އާއި އެ އަހަރު "ޑަރު" އާއި 1995 ގެ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި އެ އަހަރުގެ "ކަރަން އަރުޖުން" އާއި 1997 ގެ "ދިލް ތޯ ޕާގަލް ހޭ" އާއި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި 2000 ވަނަ އަހަރުގެ "މުހައްބަތޭ" އާއި 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އާއި 2003 ގެ "ކަލް ހޯ ނަ ހޯ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ޝާހްރުކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 21 ގައި ގެނެސްދޭ "ޑަންކީ" އެވެ.

އޭނަ އަށް މިހާރު އެވްރެޖޮށް ފިލްމަކުން 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބެ އެވެ. ޝާހްރުކް ހިމެނެނީ ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގަ އެވެ.

ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ ނަމުގައި ފިލްމު ސްޓޫޑޯއެއް ވެސް ހިންގާ އެކްޓަރުގެ ލަގްޒަރީ ގެ "މަންނަތު" އަކީ އިންޑިއާގެ އެންމެ އަގުބޮޑު އެއް ގެއެވެ. ތިން ކުދިން ތިބި ޝާހްރުކްގެ އަންހެނުން ގޯރީ ޚާނަކީ ނުފޫޒު ގަދަ އިންޓީރިއާ ޑިޒައިނަރަކެވެ.