Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

އާ ޓްރާންސްޕޯޓް މިނިސްޓަރަށް ދެ މިލިއަންގެ ބަދަލެއް

އާ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ދެ މިލިއަން ރުފިޔާ ބަދަލެއް ދޭން ނިންމައިފި އެވެ.

މި ބަދަލަކީ އޭނަ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) ޑިރެކްޓަ ފްލައިޓް އޮޕަރޭޝަންގެ މަގާމުން 2019 ގައި ވަކިކުރި މައްސަލައާ ގުޅިގެން ދޭން ނިންމި ބަދަލެކެވެ. އެގޮތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން މިހާރު ނިންމީ ކޯޓުން ބޭރުން މައްސަލަ ނިންމައި އަމީނަށް 2 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ.

އައިއޭސްވެ ވަޒީފާ ވަކިކުރުމުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅ އެވެ. އެގޮތުން އެ މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ވަޒީފާއިން ވަކިކުރީ، ގޯސްކޮށް ކަމަށާއި، އެހެންކަމުން 15 ދުވަހުގެ ތެރޭގައި އޭނާ ކުރިން ހުރި މަގާމު ނުވަތަ އެ މަގާމާއި އެއް ފެންވަރެއްގެ މަގާމެއް ދިނުމަށެވެ. އަދި އަމީން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާއި، ހަމައަށް އޭނާއަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔައްތައް ވެސް ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ.

އެ ހުކުމް އައިއޭސް އިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އަމީން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، އިސްތިއުނާފު މައްސަލަ ބާތިލްކޮށްދޭން އެދިވަޑައިގެންފަ އެވެ. އެގޮތުން ހައި ކޯޓުން މައްސަލަ ބާތިލް ކުރި ކަމުގެ ރިޕޯޓްގައި ބުނެފައި ވަނީ އަމީންގެ ވަޒީފާ އިޔާދަކޮށް ބަދަލުގެ ގޮތުގައި 2،202،508ރ. ދޭން ކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރަކަށް އަމީން އައްޔަންކުރީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.