Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު

ގާސިމް ބޭނުން ވަނީ ޖޭޕީ ދެން އުވާލަން!

ރާއްޖޭގެ އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީ ޖޭޕީ) ގެ ހަރަކާތްތައް ހުއްޓާލައި، އެ ޕާޓީ އުވައިލަން ލީޑަރު ގާސިމް އިބްރާމް ހުށަހަޅުއްވައިފި އެެވެ.

ޖޭޕީގެ ޓިކެޓްގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި "ލަދުވެތި" ނަތީޖާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ގާސިމް ޕާޓީ އުވައިލެވުމުގެ ވިސްނުމާ އެކީ އެ މައްސަލަ ހޯމަ ދުވަހު ޖޭޕީގެ ކައުންސިލަށް ވެސް ހުށަހެޅުއްވި އެވެ. ގާސިމު ހުށަހެޅުއްވީ ޖޭޕީ އުވާލައި، އެ ޕާޓީގެ މެމްބަރުން މިހާރު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީ) އަށް ބަދަލުވުމާ މެދު ހިޔާލު ހޯދަމަށެވެ.

ނަމަވެސް އެކަމަށް ކައުންސިލް މެންބަރުންގެ ރުހުން ނުލިބިގެން އެކަމާ ގުޅޭ ގޮތުން އަދި އޮތީ މަޝްވަރާ ނުކުރެވި އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ޖޭޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޖޭޕީ އަކީ ރާއްޖޭގައި ތިން ވަނަ އަށް މެންބަރުން އެންމެ ގިނަ ޕާޓީ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު 22،000 އަށް ވުރެ ގިނަ އެވެ. އެކަމަކު ސެޕްޓެމްބަރު މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވައި ގާސިމަށް ލިބިވަޑައިގަތީ އެންމެ 5،000 ވަރަކަށް ވޯޓެވެ.

މިއީ ތިން ވަނަ ފަހަރަށް ރިޔާސީ އިންތިހާބަށް ނުކުންނަވައިގެން ގާސިމަށް އެންމެ މަދުން ވޯޓް ލިބިވަޑައިގަތް އިންތިހާބެވެ.

މީގެ ކުރިން ގާސިމާއި ޖޭޕީ ލޭބަލްވެފައި އޮތީ އިންތިހާބު ނަތީޖާ ބަދަލުކުރަން ބާރަކަށްވާ "ކިންގް މޭކާއެއް" ގެ ގޮތުގަ އެވެ. ނަމަވެސް ސިޔާސީ މަސްރަހުގެ ބޮޑުމަންޒަރަށް ބަލާ އިރު، ޖޭޕީ ފާހަގަކުރެވެނީ މިހާތަނަށް ސިޔާސީ ގޮތުން މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ޕާޓީއެއްގެ ގޮތުގަ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުން ބަލިވެޑައިގަތުމުން ލިބިވަޑައިގަތް މާޔޫސީއާ އެކީ ގާސިމު ވިދާޅުވެފައި ވަނީ އޭނަ އަކީ މިހާރު "މާ ރެލެވެންޓް" ބޭފުޅެއް ނޫން ކަމަށެވެ. ގާސިމަކީ އޭނަގެ އުފަން ރަށް މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރެވެ. އަދި އޭނަ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ.