އަލަށް އުފައްދަވާ ސިޔާސީ ޕާޓީއާ ގުޅެން ތައްޔާރުވާން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ޕީޕީއެމްގެ ލީޑަޝިޕާއި މެދު ހިތްހަމަޖެހިވަޑައިނުގެން ޔާމީން ޕީޕީއެމުން ރޭ ވަނީ ވަކިވެވަޑައިގެންފަ އެވެ. އެއާއެކު އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ވަނީ ރޭ ފައްޓަވާފަ އެވެ.
ޕީޕީއެމުން ރޭ ވަކިކުރި އަދި މިހާރު ޔާމީނާ އެކު އެންމެ އަރިސްކޮށް ސިޔާސީ މަސައްކަތް ކުރައްވާ އެއް ބޭފުޅާ ކަމަށްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އާ ޕާޓީގެ ލޯގޯ އާއި ނަން ޔާމީން ފައިނަލް ކުރައްވާފައިވާ ކަމަށެވެ. އަދި އާދީއްތަ ދުވަހު ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަލީހު ވިދާޅުވި އެވެ.
"ހުރިހާ ބޭފުޅުން ވަރަށް ގާތުން މިކަން ބައްލަވާ އާ ޕާޓީއާ ގުޅުމަށް ތައްޔާރު ވުމަށް ރައީސް އެދިވަޑައިގެންނެވި،" މަލީހު ވިދާޅުވި އެވެ.
ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޗެނަލް13 އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕުން ޔާމީންއާ ދުރަށް ވަޑައިގެންފައިވާ ކަމަށާއި ޔާމީންއާ މިހާރު އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރައްވާ ކަމަށެވެ. އަދި ޔާމީންގެ މަޝްވަރާއާއެކު ޕާޓީގެ ކަމެއް ހިންގަވަން ލީޑަޝިޕްގެ ބޭފުޅުން ބޭނުން ނުވާ ކަމަށާއި އެއީ ޕީޕީއެމް ދޫކޮށްލައްވަން ޔާމީން ނިންމެވި ސަބަބެއް ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ. އަދި ޕީޕީއެމުން ވަކިވެވަޑައިގަތުމަކީ ޔާމީނަށް ފަސޭހަފުޅު ނިންމެވުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"ސީދާ ރައީސް ޔާމީނަށާއި ޕީޕީއެމަށް ހަގީގަތުގައި ވަރަށް ބޮޑު ބޭވަފާތެރިކަމެއް ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ޑރ. މުއިއްޒު އާއި އަދި މީގެތެރޭގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންތަކެއް ވެވަޑައިގެންފައި މިވަނީ،" ޖަމީލު ވިދާޅުވި އެވެ.
ޔާމީންގެ މި ނިންމެވުމާ ގުޅިގެން ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ އެެއްވެސް ބޭފުޅަކު މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.