ރާއްޖޭގައި ތިބި ސިފައިން އަނބުރާ ގެންދަން އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތުރުކީވިލާތަށާއި ދުބާއީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު އިންޑިއާގެ އެންމެ އިސް ބޭފުޅުންނާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެގައުމުގެ ސަރުކާރަށް ވެސް އަންގާފައިވާ ކަމަށެވެ.
"ކުރިން ކުރެވުނު މަސައްކަތާއި މިއަދާ ހަމައަށް ކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި ބޭރު ސިފައިން ބޭލޭނެ ކަމަށާއި މިހާރު ކުރިއަށްގެންދާ ރީތި ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން އެކަން ވަރަށް އަވަހަށް ހާސިލުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ޓެކްނިކަލް ލެވެލެއްގައި ދެ ގައުމުން މިކަމުގައި މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އިންޑިއާ އިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އެންމެ މަތީ ފަންތީގެ ކޮމިޓީގެ އެކުލަވާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މިކަމަށް އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައި ވަނީ އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އެއީ އެ ގައުމުން ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން 24 ސިފައިންނާއި ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިންނާއި ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިންގެ އިތުރުން އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިން އަށް އިތުރު ދެ ސިފައިންގެ މީހެކެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.