ފަސްޓް ކްލާހުގައި ދަތުރުފުޅުކުރައްވަން ބޭނުންފުޅުނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތުރުކީވިލާތަށާއި ދުބާއީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ފަސްޓު ކްލާހުގައި ދަތުރުކުރަން ބޭނުންފުޅުނުވާ ކަމަށާއި ނަމަވެސް މިފަހަރު ފަސްޓް ކްލާހުގައި ދަތުރުކުރައްވަން ޖެހިވަޑައިގެންނެވީ ބިޒްނަސް ކްލާހުން ޓިކެޓް ލިބިވަޑައިނުގަތުމުން ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ފަސްޓް ކްލާހުގައި ދަތުރުކުރާކަށެއް. ބިޒްނަސް ކްލާހަށް ވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބު ރައީސް ވެސް ނުދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުހިއްމީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ބޮޑެތި ހަރަދުތަކެއް ކުރުން ނޫން ކަމަށާއި ބޭނުންފުޅުވަނީ ރައްޔިތުންނަށް ކުރިއެރުމެއް ލިބޭނެ ފަދަ ކަންތައްތަކެއް މި ދަތުރުތަކުން ވެގެންދިޔުން ކަމަށެވެ. އަދި ދަތުރުފުޅުތަކަށްދާ ހަރަދުތައް ފަދަ ހުރިހާ މައުލޫމާތެއް ހާމަކުރައްވާނެ ކަމަށާއި އެއްވެސް އެއްޗެސް ނުފޮރުވާނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ވެސް ވަނީ ދެއްވާފަ އެވެ.
ރައީސް މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރަން ވަނީ ނިންމާފަ އެވެ.
ރައީސް ތުރުކީވިލާތަށް ކުރެއްވި ދަތުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ދުބާއީ ދަތުރުފުޅަކީ ކޮޕް-28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދެ ދަތުރުފުޅުގައި ވެސް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.