ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އިތުރަށް ޖެހޭނީ ބަލައިލަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވި އިރު ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް މިދިޔަ މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި އިންޑިއާގެ 1،000 ސިފައިން ތިބި ކަމަށް މީގެކުރިން ޕީޕީއެމުން ލަފާކޮށްފައިވާއިރު، ރައީސް އޮފީހުން ހާމަކުރި އަދަދުގައި ބޮޑު ތަފާތެއް ހުރުމުން އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު މިއަދު ވަނީ ރައީސް މުއިއްޒުއާ ސުވާލުކުރައްވާފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ޖެހޭނީ އިތުރަށް ބަލަން ކަމަށެވެ.
"އަޅުގަނޑު ޖެހޭނީ އިތުރަށް ބަލާލަން އަދަދާ ބެހޭ ގޮތުން. އަދަދު ޗެކްކޮށްފައި އަޅުގަނޑު ދަންނަވާލާނަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ 77 ސިފައިންގެ ތެރޭގައި ހިމެނެނީ އެ ގައުމުން ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން ތިބި 24 ސިފައިންނާއި ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިންނާއި ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިންގެ އިތުރުން އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިން އަށް އިތުރު ދެ ސިފައިންގެ މީހެކެވެ.
ރައީސް މުއިއްޒު މިއަދު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން މިހާރު އެއްބަސްވެފައިވާކަން ހާމަކުރައްވާފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.