Last Updated: May 11, 11:51
Sunday, May 11, 2025
ޚަބަރު

ޑިމޮކްރެޓްސްގެ ރައީސަކަށް ހަސަން

ޑިމޮކްރެޓްސް ޕާޓީގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިހާބު އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ކާމިޔާބު ކުރައްވައިފި އެވެ.

މިރޭ އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ހަސަން ލަތީފަށް ވަނީ 1،704 ވޯޓް ލިބިވަޑައިގެންފަ އެވެ. ހަސަންއާ ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަށް ލިބިވަޑައިގެންފައިވަނީ 1،300 ވޯޓެވެ.

އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ 3،029 މެންބަރުން ވޯޓް ލާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ. އެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

ޑިމޮކްރެޓްސްގެ ނައިބު ރައީސް ކަމަށް އިންތިހާބުވީ މުހައްމަދު ޝިފާޒު އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާންގެ އިތުރުން އައިޝަތު އަލައިކާ އަދުނާން އެވެ. ޑިމޮކްރެޓްސްގެ އަންހެނުން ގޮފީގެ ރައީސް ކަމަށް ފާތިމަތު ހަމްދާ އިންތިހާބުވިއިރު ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީ މުހައްމަދު މާސިހު އެވެ.

ޑިމޮކްރެޓްސް އިން ވަގުތީ ނަތީޖާ މިރޭ އިއުލާންކޮށްފައިވާއިރު، އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުން އަންނަނީ ރެއިން ފެށިގެން ތުހުމަތު ކުރަމުންނެވެ. އެގޮތުން އިންތިހާބުގެ ނަތީޖާ ނުލިބި ލަސްވުވުމުން އެކަމުގެ ކަންބޮޑުވުން އަމްރު ވެސް ވަނީ ފާޅުކޮށްފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ، އިންތިހާބުތަކަށް ކުރިމަތިލަނީ އިންތިހާބުގައި މޮޅުވާ ފަރާތަކާއި ބަލިވާ ފަރާތެއް ވާނެކަން އެނގިތިބެ ކަމަށެވެ. ބައެއް އިންތިހާބުތަކުގައި ކާމިޔާބުވި ކަމަށާއި ބައެއް އިންތިހާބުތަކުގައި ނާކާމިޔާބުވިކަން ފާހަގަކޮށް އަމްރު ވިދާޅުވީ އިންތިހާބަކުން ބަލިވިނަމަވެސް ޝަކުވާ ނުކުރާ ކަމަށް ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ އޭނާއަކީ ސިޔާސީ މަސައްކަތުގައި ދޫދޭންޖެހޭ ތަންތަނުގައި ބޮޑުކޮށް ދޫދޭ މީހެއް ކަމަށެވެ.

"އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އަޅުގަނޑު ނުނިކުމެ ފަހަތަށް ޖެހުނިން. ޑިމޮކްރެޓްސްގެ ޕާޓީ ކެންޑިޑަސީއަށް ވާދަނުކޮށް ފަހަތަށް ޖެހުނިން. މަސްލަހަތަށްޓަކައި ފަސްޖެހުމަކީ އަޅުގަނޑު ނުކުރާ ކަމެއް ނޫން." އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ކަމެއް ގޯހުންދާނަމަ އެ ވާހަކައެއް ވެސް ސީދަލަށް ބުނާނެ ކަމަށާއި އެކަންކުރަނީ އެންމެންގެ ވެސް ރަނގަޅަކަށް ކަމަށެވެ. މި އިންތިހާބުގެ ނަތިޖާއާމެދު ހިތްހަމަނުޖެހޭކަން ފާހަގަކޮށް އަމްރު ވިދާޅުވީ އިތުރަށް އެ ނަތީޖާއާމެދު އެއްވެސް އެއްޗެއް ނުބުނާނެ ކަމަށެވެ.