ހަގީގީ ޑިމޮކްރެޓިކް ޕާޓީ އަކީ އެމްޑީޕީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިހާބުވުމާ ގުޅިގެން ވާހަކަދައްކަމުން ސަލީމް ވިދާޅުވީ އެމްޑީޕީ އަކީ ކޮންމެ މީހަކަށް ވެސް ފުރުސަތު އޮތް އަދި ކޮންމެ މީހަކަށް ވެސް ކުރިއަށްދާން މަގު ކޮށައިދޭ ޕާޓީއެއް ކަމަށާއި މި ވޯޓުން ވެސް ހަގީގީ ޑިމޮކްރެޓިކް ޕާޓީއަކީ އެމްޑީޕީކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
އަދި މިވަގުތަކީ ގައުމު އިސްކޮށް، ޒިންމާތަކާއި ވާޖިބުތައް ކުރިއަށް ނެރެ މަތިވެފައި ހުރި މަސައްކަތްތަކާއިގެން ކުރިއަށްދާންވީ ވަގުތު ކަމަށާއި އެމްޑީޕީ އަކީ މިއަދު އިދިކޮޅު ޕާޓީ ކަމަށްވާއިރު ސަރުކާރުން ކަންކުރާ ގޮތާއި މެދު ފުންކޮށް ބަހުސްކޮށް، މަޖިލީހަށް ފެންނަ އެންމެ ރަނގަޅު މަގުން މަގު ދައްކައިދޭން ތިބީވެސް އެމްޑީޕީ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އެމްޑީޕީ އޮންނާނީ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައި. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެ މަސައްކަތް ކުރާނީ އެ މަގުން." ސަލީމް ވިދާޅުވި އެވެ.
މަޖިލީހަށް ނައިބު ރައީސަކު އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި ސަލީމަށް ވަނީ 51 ވޯޓު ލިބިވަޑައިގެންފަ އެވެ. ސަލީމްއާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ޖެހުނީ އެ މަގާމުގައި ހުންނެވި މެންބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ.