ހިޔާ ފްލެޓާއި ރަށްރަށުގައި އަޅާފައިވާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް ވީ ވައުދު ފުއްދުމުގެ ގޮތުން ހިޔާ ކޮންމެ ފުލެޓެއްގެ ކުލިން 200،000ރ. އުނި ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984ރ. ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓަށް ކުޑަކޮށް މިހާރު ދައްކަމުންދާ އަދަދުން އެވްރެޖްކޮށް 4،200ރ. ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިޔާ ފުލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު އަނބުރާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މީގެ އިތުރުން ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި 3،300ރ. އަށް ކުޑަކުރަން ވެސް ނިންމާފައިވާކަން ރައީސް އިއުލާން ކުރެއްވި އެވެ. ރަށްރަށުގައި ހައުސިން ޔުނިޓުތަކުގެ އަގަށް ބަދަލު ގެނައުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ. މިހާރު ރަށްރަށުގެ ހައުސިން ޔުނިޓްތަކުން ނަގަމުން އަންނަނީ 5،000ރ. އެވެ.
ރަށްރަށުގެ ހައުސިން ޔުނިޓުތަކުގެ ކުލި ކުޑަކުރި ނަމަވެސް ހައުސިން ޔުނިޓުތަކުގެ ތެރެއިން ކުލީގެ ގޮތުގައި 2000ރ. އަށް ހުރި ހައުސިން ޔުނިޓުތަކުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.