Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ގައުމީ ސަލާމުން ސްކޫލްތައް ފަށަން ނިންމައިފި

އަންނަ އަހަރުން ފެށިގެން ސްކޫލްތައް ފަށާނީ ގައުމީ ސަލާމުން ކަމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ ޖެނުއަރީން ފެށިގެން ސްކޫލްތަކުގެ ސެޝަންތައް ފަށާނީ ގައުމީ ސަލާމުން ކަމަށެވެ. ސަރުކާރުގެ އެންމެ މުހިއްމު ވައުދަކީ ގައުމިއްޔަތު އާލާދިރުވުން ކަމަށާއި މީގެ ބޭނުމަކީ ގައުމީ ލަވަ އާއި ގައުމީ ދިދަ އަށް ސްކޫލް ކުދިން ލޯބި ޖެއްސުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ކޮންމެ ސްކޫލެއްގައި، ސްކޫލް ފަށާނީ ގައުމީ ސަލާމް ކިޔައިގެން. ގައުމީ ސަލާމް ކިޔާނީ އެސެމްބްލީގައި،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް މަސައްކަތް މިހާރު ފަށާނީ ގައުމީ ސަލާމުންނެވެ.

މީގެއިތުރުން ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގާފައި ބަހައްޓާ ގޮތަށް ރައީސް މުއިއްޒު މީގެކުރިން ވަނީ ހަމަޖައްސަވާފަ އެވެ. މީގެކުރިން ގައުމީ ދިދަ ނަގަމުން އަންނަނީ ހެނދުނު 6 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ.

މި ސަރުކާރުން ޤައުމިއްޔަތު ދިރުވާއި އާލާކުރަން ޚާއްޞަ އިސްކަމެއް ދިނުމުގެ ގޮތުން ޤައުމިއްޔަތު ކުރިއެރުވުމަށް ވަނީ ޚާއްޞަ ވުޒާރާއެއް ވެސް އުފައްދަވާފަ އެވެ.