Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

އިންޑިއާ ސިފައިންގެ އަދަދު އިތުރުވެދާނެ: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް މިދިޔަ މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި އިންޑިއާގެ 1،000 ސިފައިން ތިބި ކަމަށް މީގެކުރިން ޕީޕީއެމުން ލަފާކޮށްފައިވާއިރު، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުން އެކި ފަހަރު ހުރީ އެކި އަދަދުތައް ކަމަށެވެ.

"މި ތަންތަނުން ލިބުނު ލިޔުންތަކުން އެކި ފަހަރު ހުރީ އެކި އަދަދު އައިސްފައި. 77 އިން ގޮސް 89 އަށް އެބަދޭ, ދެން އެވެސް ސާފެއް ނޫން. އެއަށް ވުރެ ވެސް އިތުރުވެދާނެ. ހުރިހާ މައުލޫމާތެއް އަދިވެސް އެއްކޮށް ސާފުވީ ކަމަކަށް ނުބެލެވޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ 77 ސިފައިންގެ ތެރޭގައި ހިމެނެނީ އެ ގައުމުން ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން ތިބި 24 ސިފައިންނާއި ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިންނާއި ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިންގެ އިތުރުން އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިން އަށް އިތުރު ދެ ސިފައިންގެ މީހެކެވެ.

ތުރުކީ އާއި ދުބާއީ އަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން މިހާރު އެއްބަސްވެފައިވާކަން ހާމަކުރައްވާފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.