Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް-ޕީއެންސީ އަށް ލިބޭނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީ އަށް ސުޕަ މެޖޯރިޓީ ރައްޔިތުން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ތިބީ ޕީޕީއެމް-ޕީއެންސީއާއެކު ކަމަށާއި މަޖިލިސް އިންތިހާބުގައި އެ ދެ ޕާޓީ އަށް ރައްޔިތުން ސުޕަ މެޖޯރިޓީ ދެއްވާނެ ކަމަށެވެ.

"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ރައްޔިތުން އިރާދަކުރެވިއްޔާ އަޅުގަނޑުމެންނަށް ތިން ބައި ކުޅަ ދެ ބައި ދެއްވާނެ،" ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ކޯލިޝަނުގެ މަޖިލިސް ޓިކެޓަށް ޝައުގުވެރިވާ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 20 އިން 31 އަށް ހުޅުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ 28 މޭ އަށް ހަމަވާނެ އެވެ.