Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ޔާމީންއާ ގުޅޭ ސުވާލުތަކަށް ރައީސް ޖަވާބެއް ނުދެއްވި

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންކާރު ކުރައްވައިފި އެވެ.

ޕީޕީއެމުން ކުއްލި ގޮތަކަށް ވަކިވެވަޑައިގެން ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފަށާފައިވާއިރު، އެމަނިކުފާނާއި ރައީސް މުއިއްޒާއި ދެމެދު ގުޅުން ވަނީ ގޯސްވެފަ އެވެ.

އެ ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ތަކުރާރުކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުއާ ސުވާލުތަކެއް ކުރިމަތިކޮށްފައިވެ އެވެ. ނަމަވެސް އެ ސުވާލުތަކަށް ސާފު ޖަވާބެއް ދެއްވުމުގެ ބަދަލުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހުންގެ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އިރަކު މިއަދާ ހަމައަށް އައި އިރުވެސް އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫން. ނޯންނާނެ ދައްކާފައެއް މިހާތަނަށް ވެސް،" ރައީސް ވިދާޅުވި އެވެ.

ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ދާދިފަހުން ވަނީ ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ޔާމީން ބޭނުން ކުރެއްވީ ވެރިކަން ހޯދުމަށް ކަމަށާއި މިހާރު އެމަނިކުފާނު ގުޅުއްވުމުން ފޯނު ވެސް ނުނަގާ ކަމަށް ވިދާޅުވެފަ އެވެ.

މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށްވާއިރު އެމަނިކުފާނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.