ކެބިނެޓުގައި ތިއްބެވި ބޭފުޅުންނާ މެދު ފަހުރުވެރިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ކެބިނެޓުގައި ތިއްބަވާ ބޭފުޅުންގެ މަސައްކަތުގެ ފެންވަރާ މެދު ގޮތް ނިންމާނީ ރައްޔިތުން ކަމަށާއި ކެބިނެޓަށް ބޭފުޅުން ނެގުމުގައި ބެއްލެވީ ރެޔާއި ދުވާލު ހީވާގި ކަމާއެކު މަސައްކަތް ކުރަން ކެރޭނެ ބޭފުޅުން ނެގުމަށް ކަމަށެވެ.
"އަޅުގަނޑު ފަހަރުވެރިވޭ ކެބިނެޓާ ދޭތެރޭގައި. ރައްޔިތުން ބައްލަވަންވީ މިދިޔަ 15 ދުވަސްތެރޭގައި ކިހިނެއްތޯ މަސައްކަތްކޮށްފައި އޮތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނާއި ކެބިނެޓުން މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި މިއަދު ވެސް މެނިފެސްޓޯގައި ހުރި 10 ކަމެއް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. ބޭނުންވަނީ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ ހުރިހާ ކަމެއް ވެސް ނިންމަން ކަމަށާއި އަދި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ސަރުކާރުން މަސައްކަތް ކުރާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޖަވާބުދާރީ ނުވެވޭނެ ކަމެއް ނޯންނާނެ ކަމަށާއި ކޮންމެ މިނިސްޓްރީއެއްގައި މީޑިއާ ޔުނިޓެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، "ރައިޓް ޓު އިންފޮމޭޝަން" ނުވަތަ އާރްޓީއައި ފޯމެއް ހުށަހަޅައިގެން މައުލޫމާތެއް ހޯދަންޖެހޭ ހިސާބަށް ކަންކަން ނުދާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
"ހުރިހާ މައުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ކެބިނެޓްގައި އެޓާނީ ޖެނެރަލް އާއި އެކު ޖުމުލަ 22 ބޭފުޅުން ތިއްބަ އެވެ. އޭގެ ތެރޭގައި އަންހެން ތިން މިނިސްޓަރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.