އައިވީއެފް ހިމެނޭ ގޮތަށް އާސަންދައިން ލިބޭ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވަނީ އާސަންދަ މެދުވެރިކޮށް އައިވީއެފް ނުވަތަ ދަރިމައިވުމާއި ގުޅޭގޮތުން އާސަންދައިގެ ގަވާއިދު އިސްލާހުކޮށް އެކަމަށް ބޭނުންވާ އުސޫލުތައް ހެދުމަށެވެ. އަދި ދަރިމައިވުމުގެ ސިއްޙަތުގެ ދާއިރާ ނުވަތަ އައިވީއެފަށް ޚާއްސަ 30 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން މި ޚިދުމަތްދޭ ހޮސްޕިޓަލްތަކުން ވެސް އާސަންދަ މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި ރާއްޖެއިން ބޭރުގެ މި ޚިދުމަތްދޭ ހޮސްޕިޓަލްތައް އާސަންދައިގެ ދަށުން ގްރޭޑްކޮށް އެތަންތަނުން ވެސް ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.
މީގެއިތުރުން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ. އެކަން ކުރުމަށް ހަމަޖެހިފައިވަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން އެކި ކަހަލަ ޕެކޭޖުތައް ތައާރަފުކޮށްގެންނެވެ.
މެޑިކަލް ޗެކަޕް އާސަންދައިގެ ދަށުން ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން ސަރުކާރުގެ ތަންތަނުން ލިބެން ނެތް ހިދުމަތެއް ނަމަ، އާސަންދައިގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުން ވެސް ހެއްދޭނެ އެވެ.