ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް ވީ ވައުދު ފުއްދުމުގެ ގޮތުން ހިޔާ ކޮންމެ ފުލެޓެއްގެ ކުލިން 200،000ރ. އުނި ކުރަން ވީ ވައުދު ފުއްދުމުގެ ގޮތުން އިތުރު އެއް ލައްކަ ރުފިޔާ ހިޔާގެ ކުލިން މިއަދުން ފެށިގެން މައާފުކޮށްފި އެވެ.
ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް ވީ ވައުދު ފުއްދުމުގެ ގޮތުން ހިޔާ ކޮންމެ ފުލެޓެއްގެ ކުލިން 200،000ރ. އުނި ކުރަން ނިންމާފަ އެވެ. އެއާއެކު ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984ރ. އެވެ.
ނަމަވެސް ހަތް އަހަރަށް އެ ފައިސާ އުނިކުރުމުން ދެ ލައްކަ ރުފިޔާ ހަމައެއް ނުވެ އެވެ. ހަތް އަހަރުގެ ކުލީގެ ލުއިން ކެނޑެނީ 110،526.36 ރުފިޔާ އެވެ.
އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކޮށްފައިވާއިރު އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށް ހިޔާ ފުލެޓުތަކުގެ ޖުމްލަ ކުލިން އިތުރު އެއް ލައްކަ ރުފިޔާ ކަނޑާލަން ނިންމާފައިވާ ކަމަށާއި މިއީ ކުލި ކުޑަކުރުމުގެ އިތުރުން ސަރުކާރުން ދެއްވާ ލުޔެއް ކަމަށެވެ. މި ލުޔާއެކު ކުރިން ޖުމްލަ ކުލި ދައްކަން ޖެހޭ މުއްދަތު 27 އަހަރުން 26 އަހަރާއި ތިން މަހަށް ކުރުވާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އަދި ކުއްޔަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީން ފެށިގެން ކަމަށް ފަޒުލް ވިދާޅުވި އެވެ. ކެބިނެޓްގެ ނިންމުމާ އެކު ކުންފުންޏަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ހިޔާ ފްލެޓުތަކަށް ލިފްޓު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފަޒުލް ވިދާޅުވި އެވެ.
ހިޔާ ޓަވަރުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ކުރިއަށް ގެންދެވި މަޝްރޫއެކެވެ. ނަމަވެސް ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅޭ އަދަދާ ބަލާއިރު ލިފްޓުތައް މަދު ކަމުގެ ޝަކުވާ އާންމުން ކުރެ އެވެ.