ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީއާ އެކުގައި ނުކުންނަން މަޝްވަރާ ފަށާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޖޭޕީގެ އޮފިޝަލުންނާ އެކު މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ދެ ޕާޓީގެ ވާހަކަތަކަށް ފަހު, ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
ޖުމްހޫރީ ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ޖޭޕީ ދެމި އޮތެވެ.
ޖޭޕީގެ އިތުރުން އެމްޑީޕީން ވަނީ މިފަދަ ބައްދަލުވުމެއް އަދާލަތު ޕާޓީއާއެކު ވެސް އިއްޔެ ބާއްވާފަ އެވެ.