Last Updated: May 11, 15:16
Sunday, May 11, 2025
ޚަބަރު

ޑިމޮކްރެޓުންގެ އިންތިހާބުގެ ބައެއް ނަތީޖާތައް ބާތިލުކޮށްފި

ދަ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ބައެއް ނަތީޖާތައް ބާތިލުކޮށްފި އެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވީ ހުށަހެޅިފައިވާ މައްސަލަތަކަށް ބެލުމަށްފަހު ޔަންގް ޑިމޮކްރެޓްސްގެ ލީޑަރާއި ނައިބު ލީޑަރު ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ ބާތިލުކޮށްފައިވާ ކަމަށެވެ.

އެ ނަތީޖާ ބާތިލުކުރީ ބައެއް ރަށްރަށުގެ ވޯޓު ފޮށިތަކަށް ވޯޓު ލާން ޖެހޭ މިންވަރަށް ވުރެ ގިނައިން ވޯޓުކަރުދާސް ދޫކުރެވިފައި ވާތީ ކަމަށް އާޒިމް ވިދާޅުވި އެވެ. މައްސަލަ ޖެހުނު ރަށްތަކުގައި އަލުން ވޯޓުލާނެ ތާރީހެއް އިއުލާންކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ޑިމޮކްރެޓުންގެ ޒުވާނުންގެ ލީޑަރު ކަމަށް ވާދަ ކުރެއްވީ މުހައްމަދު މާޝިހު އަދި ޔޫސުފް ޝާހު އެވެ. ނައިބު ލީޑަރު ކަމަށް ވާދަކުރެއްވީ ފިތުރާ މުހައްމަދު އާއި މުހައްމަދު އަޒުވަރު އެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް އިންތިހާބުވީ ހަސަން ލަތީފު އެވެ. މި އިންތިހާބު ހަސަން ކާމިޔާބު ކުރެއްވީ 1807 ވޯޓުންނެވެ. ހަސަންއާ ވާދަކުރެއްވި ހުސެއިން އަމްރުއަށް ލިބިވަޑައިގަތީ 1484 ވޯޓެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ 3،029 މެންބަރުން ވޯޓް ލާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ. އެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.