Last Updated: May 11, 14:59
Sunday, May 11, 2025
ޚަބަރު

ގޮންޖެހުންތަކަކީ ކުރިއެރުމަށް ލިބޭ ހިތްވަރެއް

ގޮންޖެހުން އެބަހުރި ކަމަށާއި ނަމަވެސް އެއީ ކުރިއެރުމަށް ލިބޭ ހިތްވަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިރޭ އޮންނަ ޕީޕީއެމް-ޕީއެންސީގެ ސެނެޓު ބައްދަލުވުމަށްފަހު ކުރިއަށް ހުރި އިންތިހާބުތަކަށް ދެ ޕާޓީ ގުޅިގެން މަސައްކަތް ފަށާނެ ކަމަށާއި އޭގެ ނަތީޖާއަކަށް ވެގެންދާނީ މަޖިލިސް އިންތިހާބުގައި އެ ދެ ޕާޓީ އަށް ސުޕަ މެޖޯރިޓީ ލިބިގެންދިޔުން ކަމަށެވެ.

"ގޮންޖެހުންތައް ހުންނާނެ. ގޮންޖެހުންތައް މިހާރުވެސް އެބަހުރި. ގޮންޖެހުންތަކަކީ އަޅުގަނޑުމެން ކުރިއެރުމަށް ލިބޭ ހިތްވަރަކަށް ވާންވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ނިޔަތަކީ ދީނާއި ގައުމަށްޓަކައި ގައުމު ކުރިއެރުވުމާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުން ކަމަށެވެ. އެ މަސައްކަތުގައި ހުރިހާ އެންމެންނާ ވެސް ވާހަކަދެއްކޭނެ ކަމަށާއި އެންމެން އެއް ރޫހެއްގައި ގައުމު ކުރިއެރުވުމުގައި މަސައްކަތް ކުރުމުން ނަތީޖާ ރަނގަޅު ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ގައުމީ ވިސްނުމެއްގައި ކުރެވޭ މަސަައްކަތެއް ވީމާ އަޅުގަނޑުގެ ކުރިމަތީގައި ހުރިހާ އެންމެން މި މަސައްކަތުގައި ހަމަހަމަވާނެ،" ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ކޯލިޝަނުގެ މަޖިލިސް ޓިކެޓަށް ޝައުގުވެރިވާ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 20 އިން 31 އަށް ހުޅުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ 28 މޭ އަށް ހަމަވާނެ އެވެ.